ސޯމާލިއާއަށް ނިސްބަތްވާ ތިން މީހަކާއެކު ނ. ވަވަތިއަށް ޑިންގީއެއް ލައްގާފައިވާ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ވަނީ އެ މީހުން އެ ރަށަށް ލެއްގީ އިއްޔެކަން ކަށަވަރުކޮށްދީފަ އެވެ. ނ. ވަވަތިއަކީ ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަކަށް ދޫކޮށްފައިވާ ރަށެކެވެ.
އެ ތިން މީހުންގެ ފޮޓޯއެއް ވެސް ފުލުހުން ހިއްސާކުރިއިއިރު ތިން މީހުންގެ ވެސް ހާލަތު ގޯސް ނޫން ކަމަށް ފޮޓޯއިން އެނގެ އެވެ. އެ މީހުން ދަތުރުކުރަމުން ދިޔައީ އައުޓްބޯޑް އިންޖީނެއް އަޅާފައިވާ ކުޑަ ޑިންގީއަކުންނެވެ.
އެ ތިން މީހުން ވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ސޯމާލިއާއަކީ ރާއްޖޭގެ ހުޅަނގުން ގާތްގަނޑަކަށް 3,000 ކިލޯމީޓަރު ދުރުމިނުގައި އޮތް ގައުމެއް ކަމަށްވާއިރު ރާއްޖެއަށް އެ މީހުން ލެއްގީ ބެހިގެން ކަމަށް ބެލެެވެ އެވެ. އެފަދަ ކުޑަ ޑިންގީއެއްގައި ރާއްޖެއަށް ދަތުރުކުރުމަކީ ގޮންޖެހުން ބޮޑު ނުރައްކާތެރި ކަމަކަށް ވާނެ އެވެ.

މީގެކުރިން ވެސް ސޯމާލިއާއަށް ނިސްބަތްވާ މީހުން ޑިންގީތަކާ އެކު ރާއްޖެއަށް ލައްގާފައި އެބަހުއްޓެވެ. އެ ގައުމުގެ ކަނޑުގެ ސަރަހައްދަކީ ކަނޑުފޭރޭ މީހުން ގިނަ ނުރައްކާތެރި ކަނޑުގެ ސަރަހަދެއްގެ ގޮތުގައި މަޝްހޫރު ތަނެކެވެ.












