ހުޅުމާލޭގައި ހިންގި މާރާމާރީއެއް ހުއްޓުވަން ދިޔަ ފުލުހެއްގެ ގައިގައި ކާރުން ޖެއްސުމަށް ފަހު ފިލި މައްސަލައިގައި ހޯދަމުން ދިޔަ މީހާ، ދާދި ދެންމެ ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި މިއަދު ހައްޔަރު ކުރީގެ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް، އަލީ ރަޝީދުގެ ފިރިހެން ދަރިފުޅުކަން ފުލުހުން ކަށަވަރުކޮށް ދިނެވެ.
އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި ފުލުސް މީހާގެ ގައިގައި ޖެއްސި ކާރު ދުއްވަން އިނީ އަލީ ރަޝީދުގެ ދަރިފުޅެވެ. އެ ކާރު ރަޖިސްޓަކޮށްފައި ވަނީ އަލީ ރަޝީދުގެ ނަމުގަ އެވެ.
މި މައްސަލައިގައި ކުރިން ހައްޔަރު ކުރި މީހާގެ ތަހުގީގު ކުރިއަށް ގެންދިޔުމަށް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފަ އެވެ.
ފުލުސް މީހާގެ ގައިގައި ކާރުން ޖެއްސީ ޖޫން 15 ވަނަ ދުވަހު ފަތިހު ހުޅުމާލެ 10 ނަންބަރު ފްލެޓު ކައިރިންނެވެ. އެ ސަރަހައްދަށް ފުލުހުން ސައިކަލެއްގައި ދިޔައީ މާރާމާރީއެއް ހިންގާކަމުގެ ރިޕޯޓު ލިބިގެންނެވެ.

އަދަދު ނޫހަށް ލިބިފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ތުހުމަތުވާ ދެ މީހުން ކާރުގައި ދާން އުޅުމުން، އެ މީހުން ހުއްޓަން އެ ސަރަހައްދަށް ދިޔަ ފުލުސް މީހާ މަސައްކަތް ކުރުމުން، ކާރުން ޖައްސައި ވައްޓައިލުމަށް ފަހު ދިޔަ އެވެ.
އެ ފުލުސް މީހާ އަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.












