ހުޅުމާލޭގައި މި މަހުގެ 15 ވަނަ ދުވަހުގެ ފަތިހު ހިންގި މާރާމާރީއެއް ހުއްޓުވަން އެ ސަރަހައްދަށް ދިޔަ ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސުމަށް ފަހު ފިލި މައްސަލާގައި އެކަކު ހައްޔަރުކޮށް އަދިވެސް އިތުރު މީހަކު ހޯދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
އެ ރޭ ފަތިހު ހުޅުމާލެ 10 ނަންބަރު ފްލެޓު ކައިރީގައި މާރާމާރީއެއް ހިންގާ ކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދަށް ފުލުހުން ދިޔައިރު ތުހުމަތު ކުރެވޭ މީހާ ކާރަކަށް އަރައިގެން ދާން މަސައްކަތްކުރި ކަމަށް ފުލުހުން ބުނެ އެވެ.
އޭނާ ހުއްޓުވަން މަސައްކަތް ކުރި ފުލުސް މީހާ ކާރުގެ އެއް ފަރާތަށް އެރުމުން ކާރު ފުލުސް މީހާގެ ފައިމައްޗަށް އެރުވުމަށް ފަހު ކާރު ފަހަތަށް ޖެއްސި ކަމަށް ފުލުހުން ބުނެ އެވެ. އެ ވަގުތު ފުލުސް މީހާ ތެދުވެ ކާރުގެ ހުންގާނުގައި ހިފައި ހުއްޓުވަން މަސައްކަތް ކުރި ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
އިތުރު ދެ ފުލުހުން ކާރުގެ ކުރި މައްޗަށް ސައިކަލުގައި އެރުމުން ވެސް ނުހުއްޓައި ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ކާރު ފިލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރި މީހާ 15 ދުވަހަށް ބަންދު ކޮށްފައިވާއިރު އަދިވެސް އެކަކު ދަނީ ހޯދަމުންނެވެ. އޭނާ ނުފެނިގެން ހޯދާތާ ހަފްތާއެއްހާ ދުވަސް މިވަނީ ވެފަ އެވެ.

އެ މާރާމާރީގައި އަނިޔާވި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.
މިފަހުން މާލޭގައި ވަނީ ސިލްސިލާ މާރާމާރީތަކެއް ހިންގާފަ އެވެ.












