އިންޑިއާއިން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު މަދުވެފައިވާތީ އާއި ހީނަރުވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެމްއެމްޕީއާރުސީ އާއި މަންތާ އެއާ ގުޅިގެން އިންޑިއާގެ ބެންގަލޫރުގައި ރޯޑްޝޯއެއް ބާއްވަން ނިންމައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
"އެކްސްޕްލޯ މޯލްޑިވްސް ރޯޑްޝޯ" ގެ ނަމުގައި ބާއްވާ އެ ހަރަކާތާ ގުޅޭ ގޮތުން އެމްއެމްޕީއާރުސީގެ މީޑިއާ ޓީމަށް ދިން އިންޓަވިއުއެއްގައި އެ ކޯޕަރޭޝަނުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ އިންޑިއާ މާކެޓަކީ މިވަގުތު އެންމެ ހަލުވިމިނުގައި ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ އެއް މާކެޓު ކަމަށާއި އިންޑިއާ މާކެޓަކީ ދިވެހި ފަތުރުވެރިކަމަށް އެންމެ މުހިންމު އެއް މާކެޓު ކަމަށެވެ.
"އިންޑިއާ އަކީ މިއަދު އެންމެ ކުރިއަރަމުން އަންނަ އައުޓްބައުންޑް ޓްރެވެލް މާކެޓުގެ ގޮތުގައި ފާހަގަ ކުރެވޭއިރު، އެއީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާކެޓެއް، ޝައްކެއްވެސް ނެތް ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމު ދައިރާގެ އިސް ފަރާތްތަކަށް މި ރޯޑްޝޯގެ ތެރެއިން ރާއްޖެ އިޝްތިހާރުކުރުމުގެ ފުރުސަތު ލިބި، ރާއްޖެއަށް ލިބިފައިވާ ލާސާނީ ސިފަތައް އިތުރަށް ޕްރޮމޯޓުކޮށް ރާއްޖެއަކީ ފުރިހަމަ މަންޒިލެއްކަން ދައްކައިލުމުގެ ފުރުސަތު ފަހިވެގެންދާނެ،" ޝިއުރީ ވިދާޅުވި އެވެ.












