މި ހިނގާ ޖޫން މަހުގެ ތެރޭގައި ހަމައެކަނި އީދު މިސްކިތުން އެކަނިވެސް 10 ފަންކާ ވަގަށް ގެންގޮސްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
އެ ކައުންސިލުގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ މިސްކިތްތަކުގައި ހުންނަ ކެމެރާ ފުޓޭޖުތައް ނަގައި، ފުލުހުންނާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިސްކިތުގެ ކެމެރާ ފުޓޭޖުތައް ނަގައި ފުލުހަށް މައްސަލަ ހުށާހަޅުމުގެ މަސައްކަތް ދަނީ ކުރަމުން، މިސްކިތްތަކުން ވައްކަން ކޮށް ތަކެއްޗަށް ގެއްލުންދީ ނުހެދުމަށް ކައުންސިލުން އިލްތިމާސް ކުރަން،" އެ ޕޯސްޓުގައި ލިޔެފައިވެ އެވެ.
މިސްކިތްތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެ މީގެ ކުރިން ވެސް ސިޓީ ކައުންސިލުން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅައިފަ އެވެ. އޭރު ވަގަށް ނެގި ހަ ފަންކާއެއް ހޯދައި 31 އަހަރުގެ މީހަކު ވެސް ފުލުހުން ހައްޔަރުކުރި އެވެ.
އެ މީހާއަކީ މިސްކިތްތަކުގައި ހުންނަ ފެންމޯޓަރުތަކުން ވެސް ވައްކަން ކުރާ މީހެއް ކަމަށް ފުލުހުން އޭރު ތުހުމަތު ކޮށްފައިވެ އެވެ.













