މުދާ އުފުލާ ގޮތަށް ތައްޔާރުކޮށްފައިވާ އުޅަނދެއްގައި ރަހުމުކުޑަ ގޮތަކަށް މީހުން އުފުލަނިކޮށް، ފުލުހުން މިއަދު އެއްގަމު އުޅަނދެއް ހިފަހައްޓައި އެ އުޅަނދު ޓޯކޮށްފި އެެވެ.
ފުލުހުން މިިއަދު މީޑިއާތަކާ ހިއްސާކުރި ފޮޓޯއިން ފެންނަ ގޮތުގައި އެ އުޅަނދަކީ ޕިކަޕަކަށް ބަދަލު ގެނެސް، ތަށިގަނޑު ހިޔާކޮށް، ވަށައިގެން ބަންދުކޮށްފައިވާ އުޅަނދެކެވެ. ފޮޓޯއިން ފެންނަ ގޮތުގައި އެހާ ބޮޑަށް ބަންދުކޮށްފައިވާ ތަށިގަނޑުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ތިއްބެވެ.
އެހެން ނަމަވެސް ފުލުހުން އެ އުޅަނދު ޓޯކުރި ސަބަބެއް ކަމަށް ބުނީ އެއީ މާލެ ސަރަހައްދުގައި ދުއްވަން ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށް ނުވާތީއާއި އެ އުޅަނދުގެ އަހަރީ ފީގެ މުއްދަތު ހަމަވި އިރު ފީދައްކާފައި ނުވުމެވެ.
"ބީ ޒޯންގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދު އޭ ޒޯނުގައި ދުއްވުމާ، އަދި އުޅަނދުގެ އަހަރީ ފީ ހަމަވެފައިވާތީ ފިޔަވަޅު އަޅައި، އެ އުޅަނދު ވަނީ ޓޯކޮށްފައި،" ފުލުުހުން މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުންޏެވެ.
އެއުޅަނދު ހުއްޓުވީ ގަވައިދާ ހިލާފަށް މީހުން އަރުވައިގެން އެއާޕޯޓަށް ދަތުރުކުރަނިކޮށް ކަމަށާއި އުޅަނދު ޗެކްކުރީ އެހެންވެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިންސާނުން އުފުލަން އެކަށީގެން ނުވާ އުޅަނދެއްގައި މިފަދަ ގޮތަކަށް މީހުން އުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް ދުވަސްކޮޅެއް ކުރިން ސޯޝަލް މީޑިއާގައި އާއްމުވުމުން ފުލުހުން އޭރު ބުނީ އެ މައްސަލަ ބަލާނެ ކަމަށެވެ. މިއަދު ހިފެހެއްޓީ ވީޑިއޯ އިން ފެނުނު އުޅަނދުކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެ އެެވެ.












