މާލެ ސަރަހައްދުގައި ވައްކަމާއި ފޭރުން އިތުރުވާކަން ފާހަގަކޮށް އެ ކުށުގެ ވެށި ތަފުސީލުކޮށްދީ "އަދަދު" ނޫހުން ގެނެސްދިން ރިޕޯޓުގައިވާ ވާހަކަތަކަކީ "ހިތި ހަގީގަތް" ކަމަށް ފުލުހުން ބުނެފި އެވެ.
"މާލޭގައި ވަގުންގެ ބޮޑު ނެޓްވޯކެއް، ހުއްޓުވޭނެ ގޮތެއް ނެތް!" ސުރުހީގައި ގެނެސްދިން ރިޕޯޓު ފުލުހުންގެ މީޑިއާ ވަޓްސް އެޕް ގްރޫޕުގައި ހިއްސާ ކުރެއްވުމަށް ފަހު، ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެއީ "ހިތި ހަގީގަތް" ކަމަށް ފުލުހުން ގަބޫލު ކުރާ ކަމަށެވެ.
އެހެން މެދުވެރިވި ސަބަބެއްގެ ގޮތުގައި ޝިފާން ވިދާޅުވީ މީގެ 10 މަސް ކުރިން ޖަލުން ދޫކޮށްލި 454 އެއްހާ މީހުން މުޖުތަމައަށް ދޫވެފައި ތިބުމެވެ.
"434 މީހުންގެ ބޮޑު [ކުށްވެރިންގެ] އާބާދީއެއް، މީގެ 10 މަސް ދުވަހުގެ ކުރިން އެމްސީއެސް އިން ދޫކޮށްލުމާއި، ޒަމާނާ އެކީގައި އުމްރާނީ ތަރައްގީގެ ބިނާތަކެއް ނުލިބުމުގެ ސަބަބުން، އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑު [ކުށުގެ] ކާރިސާއެއްގައި،" ޝިފާން ލިޔުއްވާފައިވެ އެވެ.
ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ދެ މަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ.

އެޕްރިލް މަހު ވައްކަމުގެ 285 މައްސަލައަކާއި ފޭރުމުގެ 36 މައްސަލައަކާއި އެއްޗެހި ގެއްލުމުގެ 78 މައްސަލައެއް ހުށަހަޅާފައިވާއިރު، މެއި މަހު ވައްކަމުގެ 244 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. އަދި މިދިޔަ އަހަރު ވެސް އެންމެ ގިނައިން ފުލުހުންނަށް ރިޕޯޓުކުރީ ވައްކަމުގެ މައްސަލަތަކެވެ.













