ރާއްޖޭގެ އާބާދީގެ 41 ޕަސަންޓު މީހުން ދިރިއުޅޭ މާލެއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުން މުހިންމު ވިޔަސް، އެކަން އެގޮތަށް ވާތަން ނުފެނުމަކީ ހިތާމައާއެކު ފާހަގަކުރެވޭ ކަމެކެވެ. މާލޭގައި ވައްކަން އިތުރުވެ، މަސްތުވާތަކެތި ބޭނުންކުރުން އާންމުވެ، ނުރައްކާތެރިކަން ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. މިކަންތައްތައް ހުއްޓުވަން ހަރުދަނާ ފިޔަވަޅުތަކެއް އަޅާތަން ނުފެންނަ އިރު، ކުށް ކުރުން އިތުރުވަމުން އަންނަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށެވެ.
ކޮންމެ ދުވަހަކީ ވެސް މާލެއިން ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި އެތައް ބަޔަކު ހައްޔަރު ކުރާ ދުވަހެކެވެ. ކޯޓުން އެތައް ބަޔަކު މުއްދަތު ޖަހައި ބަންދު ވެސް ކުރެ އެވެ. ނަމަވެސް ކުށް ކުރުން މަދެއް ނުވެ އެވެ. އެއް ސަބަބަކީ ވައްކަން ކުރާ ގިނަ މީހުންނަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށްވެފައި، އެ މީހުން ވައްކަން ކުރަނީ މަސްތުވާތަކެތި ގަންނަން ފައިސާ ހޯދަން ކަަމަށް ވުމެވެ. އެހެންކަމުން މިކަން ހައްލުކުރެވޭނީ ދެކަމަށް ވެސް އެޑްރެސްކޮށްގެންނެވެ.
ވައްކަން ކުރާ މީހުން ގޭގެއަށް ވަދެ މީހުންގެ އަގުބޮޑު ސާމާނު ގެންދަނީ ޖެހިލުމެއް ނެތި އެވެ. ބައެއް ފަހަރު ގޭގެ ތަޅު ހަލާކު ކޮށްލައިގެންނެވެ. އަނެއް ފަހަރު ވައިގޮޅިން ވަދެގެންނެވެ. ވަގަށް ނަގާ ބައެއް ސާމާނު އެމީހުން ވަގުތުން ވަގުތަށް ނުވަތަ ދެތިން ދުވަސް ފަހުން މާރުކޭޓު ސަރަހައްދަށް ގެންގޮސް ވިއްކާލަ އެވެ. އެތަކެތި ގިނަ ފަހަރު ގަންނަނީ ބިދޭސީންނެވެ.
ވައްކަން ކުރަނީ މަސްތުވާތަކެތި ގަންނަން ފައިސާ ހޯދަން
މަސްތުވާތަކެތި ބޭނުންކުރާ އެންމެންނަކީ ވައްކަން ކުރާ މީހުންނެއް ވެސް ނޫނެވެ. ބައެއް މީހުންނަކީ އަމިއްލަ މަސައްކަތުން ފައިސާ ހޯދައިގެން މަސްތުވާތަކެތި ބޭނުން ކުރާ މީހުންނެވެ. އެހެން ނަމަވެސް ގިނަ ބަޔަކު މަސްތުވާތަކެތި ގަންނަން ފައިސާ ހޯދަނީ ވައްކަަން ކޮށްގެންނެވެ. ބައެއް މީހުން ސަލާން ޖަހައިގެން ވެސް ފައިސާ އެއްކުރެ އެވެ.
ބައެއް މީހުން ވަގަށް ނަގާ ތަކެތި ހިފައިގެން ގޮސް މަސްތުވާތަކެތި ވިއްކާ "ކާޓެލް" ތަކުގައި އެ ތަކެތި "މޯގޭޖު" ކޮށްފައި މަސްތުވާތަކެތި ހޯދަ އެވެ. ކާޓެލްތަކުން މަސްތުވާތަކެތި ދެނީ ވަގަށް ނެގި އެތީގެ އަގު ހަމަވަންދެނެެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހާއަށް އަގު ހަމަވަންދެން އެކި ފަހަރު މަތިން ބޭނުން ވަރަކަށް މަސްތުވާތަކެތި ލިބެ އެވެ.
ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ދެ މަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެޕްރިލް މަހު ވައްކަމުގެ 285 މައްސަލައަކާއި ފޭރުމުގެ 36 މައްސަލައަކާއި އެއްޗެހި ގެއްލުމުގެ 78 މައްސަލައެއް ހުށަހަޅާފައިވާއިރު، މެއި މަހު ވައްކަމުގެ 244 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. އަދި މިދިޔަ އަހަރުވެސް އެންމެ ގިނައިން ފުލުހުންނަށް ރިޕޯޓުކުރީ ވައްކަމުގެ މައްސަލަތަކެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގައި 16 އަހަރު ހޭދަކޮށްފައިވާ އަލީ އަދީބު "އަދަދު" އަށް ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭއިރު އެ މީހުންގެެ "ކްރިމިނަލް ތިންކިން" އަށް ފަރުވާ ނުދެވޭ ކަމަށާއި އޭގެ ސަބަބުން ފަރުވާ ނިންމާލުމަށްފަހު އަނބުރާ އައުމުން އެކަން އިއާދަވާ ކަމަށެވެ.
"ކުޑައިރުއްސުރެ ވައްކަން ކުރުމަކީ ގޯސްކަމެއްކަން އެނގިގެން ތިބެ ބޮޑުވަނީ. ނަމަވެސް މަސްުތުވާއެއްޗިއްސަށް ދިޔުމަށްފަހު އެ އެއްޗެހި އަބަދު ހޯދަންޏާ އެބަ ޖެހޭ ވައްކަން ކުރަން. އެހެންވީމަ ކުރިން ގަބޫލުކުރި ގަބޫލުކުންތައް މަތިން ހަނދާން ނައްތާލާ. އެ ހުރިހާ ކަމެއް އަންނަނީ ދެވިހިފުމާ ގުޅިގެން މަސްތުވާއެއްޗެހި ބޭނުން ނުކޮށް ނޯމަލް ނުވެވޭތީ،" އަދީބް ވިދާޅުވި އެވެ.
މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަން ކުރުމާ އޮތީ ވަރަށް ބޮޑަށް ލާމެހިފައިކަން ފާހަގަކުރައްވައި އަދީބު ވިދާޅުވީ ދެ ކަމަށް އެއްކޮށް އެޑްރެސް ނުކޮށް ދެކަން ވެސް ހައްލު ކުރަން އުނދަގޫވާނެ ކަމަށާއި ވަށާޖެހޭ ހައްލެއް ދެ ކަމަށް ވެސް ބޭނުންވާ ކަމަށެވެ.
ވަގަށް ނަގާ ގިނަ ތަކެތި ވިއްކަނީ މާރުކޭޓު ސަރަހައްދުގައި، ގަންނަނީ ބިދޭސީން
ވައްކަން ކުރާ މީހުން ވައްކަން ކުރަނީ ވަރަށް ބޮޑަށް ރާވައިގެންނެވެ. އެމީހުން ވައްކަން ކޮށްގެން ހޯދާ ސާމާނު ވިއްކަނީ އާންމު ގޮތެއްގައި މާރުކޭޓު ސަރަހައްދުގަ އެވެ. ވަގަށް ނަގާ ސާމާނު އެމީހުން އެވަގުތުން ވަގުތަށް ނުވަތަ ދެ ތިން ދުވަސް ފަހުން ވެސް އެތަނަށް ގެންގޮސް ވިއްކައިލަ އެވެ. އެތަކެތި ގަތުމަށް ބިދޭސީން ކިއު ހަދާލާފައި ތިބޭ މަންޒަރު ވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފެނެ އެވެ.

މާލޭގެ މަގެއްގެ މަތީގައި މީހަކު ވިއްކަން ބަހައްޓާފައި ހުރި އެއްޗިހިތަކެއް. ވަގަށް ނަގާ ތަކެތި ވެސް ވިއްކަނީ މިކަހަލަ ގޮތަކަށް. ފޮޓޯ:ލީވާން އަލީ ނާސިރު/އަދަދު
ވައްކަން ކޮށްގެން ހޯދާ އައިފޯނުފަދަ ސެކިއުރިޓީ ވަރުގަދަ ތަކެތި ވަގުން ވިއްކަނީ ބިދޭސީން ހިންގާ އިލެކްޓްރިކް އެއްޗެހި ވިއްކާ ފިހާރަތަކަށެވެ. އެ ފިހާރަތަކުގައި ތިބޭ ބިދޭސީން އެ އަގުބޮޑު ތަކެތި ގަންނަނީ ކުޑަ އަގެއްގައި އެތަކެތީގެ ސްޕެއާ ހޯދުމުގެ ބޭނުމުގަ އެވެ. އެގޮތުން އައިފޯންތަކުގެ ޑިސްޕްލޭ އަދި އެ ނޫން ވެސް ސްޕެއާތައް އެމީހުން ނަގައި އަސްލު ފޯނު އެއްލައިލަ އެވެ.
ވައްކަން ކުރާ މީހުންނަށް ހިތްވަރު ދޭ ބައެއް ގޮތުގައި އަމިއްލަ ފައިދާއަށް މަސައްކަތްކުރާ ބިދޭސީންގެ ދައުރު ބޮޑެވެ. ސައްހަ ލިޔެކިއުން ނެތި ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަކީ ވަކިން ބޮޑު އެެހެން މައްސަލައެކެެވެ. އެކަމުގައި ވަގުންނަށް އޮތް ހިތްހަމަޖެހުމަކީ އެމީހުން ވައްކަން ކޮށްގެން ހޯދާ ސާމާނު ބިދޭސީން ގަންނަ ކަމެވެ.
ވަގަށް ނަގާ ތަކެތި މާރުކޭޓު ސަރަހައްދުގައި ވިއްކަން ބަހައްޓައިގެން ތިބޭތީ އެކަން ހުއްޓުވަން މާލެ ސިޓީ ކައުންސިލާއި ފުލުހުން މަސައްކަތް ކުރެ އެވެ. އެހެން ނަމަވެސް ވަގުން ވަރަށް ހުޝިޔާރެވެ. އެމީހުން ދަނޑިވަޅު ބަލާފައި ގަޑިއިރެއް ނުވަތަ ދެގަޑިއިރު ތެރޭގައި ތަކެތި ބަހައްޓައި ބޭނުންވާ ވަރަށް ފައިސާ ލިބުނީމާ އެމީހުން ގެންގުޅޭ ދަބަސްތަކަށް އަޅައިގެން މަސްތުވާތަކެތި ގަންނަން ދެ އެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް "އަދަދު" އަށް ވިދާޅުވީ ގަވައިދު ބުނާގޮތުން މާލޭގައި ތަކެތި ވިއްކޭނީ އަގު ޖަހައިގެން ކަމަށާއި ނަމަވެސް އަގު ނުޖަހައި ތަކެތި ވިއްކާކަން ފާހަގަކުރެވިގެން އެކަން ހުއްޓުވައިދޭން އިކޮނޮމިކް މިނިސްޓްރީގައި އެދިފައިވާނެ ކަމަށެެވެ.
"ގަވައިދާ ހިލާފަށް އަގު ނުޖަހައި ބައެއް ތަންތަނުގައި އެއްޗެހި އެބަ ވިއްކާ. އަޅުގަނޑުމެންނަށް ނޯވޭ ތަންތަން ބަންދު ކުރުމުގެ ބާރެއް. އަޅުގަނޑުމެން މި ދަނީ އަންގަން ޖެހޭ ފަރާތްތައް އެކަން އެގޮތަށް ނުކުރަން އަންގަމުން. މަގުމަތީގައި އެއްޗެހި ބަހައްޓައިގެން ވިއްކާކަން ފާހަގަވާނަމަ އެކަން ވެސް އަޅުގަނޑުމެން އެބަ ހުއްޓުވަން. ހުންނާނެ އެ އެއްޗެހި އެތަނުން ނަގުވާފަ ވެސް،" އާޒިމް ވިދާޅުވި އެވެ.
ވައްކަން ކުރުން ހުއްޓުވޭނީ މަސްތުވާތަކެތީގެ މައްސަލަ ވެސް ހައްލުކޮށްގެން
ވައްކަން ކުރާ މީހުންނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އެމީހުން ޖަރީމާތައް ކުރިއަށް ގެންދަން އަބަދުވެސް ހިތްވަރު ލިބެނީ ގާނޫނާ ހިލާފު އަމަލުތަކަށް އެކަށީގެންވާ ފިޔަވަޅު ނާޅާތީ އެވެ. ފިޔަވަޅު ނާޅައި ގާނޫނު ތަންފީޒު ކުރުމުގައި ފަސް ޖެހެނީ ތަންފީޒީ އިދާރާތަކެވެ. އެއީ ފުލުހުން ކަމަށް ވިޔަސް ކޯޓުތައް ކަމަށްވިޔަސް އެންމެންނަށް ހަމަހަމަ އުސޫލަކުން މި ގައުމުގައި ގާނޫނު ތަންފީޒު ވެގެން ނުދާކަމީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ.
ކޮންމެ ދުވަހަކު ވެސް މާލެއިން އެތައް ވައްކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާއިރު އެ މައްސަލަތަކުގެ ތެރެއިން ރަނގަޅަށް ތަހުގީގު ކުރެވި ފިޔަވަޅު ވަގުތުން އެޅެނީ މަދު މައްސަލަތަކަށެވެ. އާދައިގެ ނިކަމެތި މީހާގެ މައްސަލައެއް ވިއްޔާ މުއައްސަސާތަކުން ދޭންޖެހޭ ފުރިހަމަ ސަމާލުކަމެއް ނުވެސް ލިބެ އެވެ. މައްސަލަ ނުނިމި އަހަރުތަކެއް ފާއިތުވެގެންދާއިރު ވެސް ކުރިއެރުމެއް ނުލިބެ އެވެ.
ވައްކަމުގެ މައްސަލަތަކުގައި ރިޕޯޓުކުރާ ބައެއް މީހުން ވެސް ބޭނުންވަނީ އެމީހުން އަތުން ގެއްލުނު ތަކެއްޗެވެ. މައްސަލައިގައި ދައުވާ ކުރަން ގިނަފަަހަރު ބޭނުމެއް ނުވެ އެވެ. ސަބަބަކަށްވަނީ އަނެއްކާ ކޯޓަށް ގޮސް ހެކިބަސްދީ ކޯޓުގައި ވަގުތުތަކެއް ހޭދަކުރަން ބޭނުން ނުވުމެވެ. ބައެއް ފަހަރު ދައުވާ ކުރުމުގެ މުހިންމު ކަން ވެސް ހަނދާން ނެތެނީ އެވެ. އެކަން އެގޮތަށް ވުމުން، ވައްކަން ކުރާ މީހާ 15 ވަރަކަށް ދުވަހުގެ މުއްދަތެއް ޖަލުގައި ހޭދަކުރުމަށްފަހު އަލުން މުޖުތަމައުއަށް ނިކުމެ އެވެ.
ރާއްޖޭގައި ގާނޫނު ތަންފީޒު ކުރުމުގައި ބޮޑެތި ދަތިތަކެއް ހުރިކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ ތަންފީޒީ އިދާރާތަކުން އެއްވެސް ކަހަލަ އުޒުރެއް ނުދައްކައި ގާނޫނު ތަންފީޒު ކުރަން ޖެހޭ ކަމަށާއި އެބަޔަކު އުޅޭނެ ގޮތަކަށް އުޅެމުން ގޮސް މި ގައުމު ކުޅޭ ކުޅޭ ތަނަކަށް ބަދަލުވެފައިވާ ކަމަށެވެ.
"ސަލާމަތާއި ރައްކާތެރިކަން ގައުމެއްގައި ނުދެވޭނަމަ އެ ގައުމެއްގައި ހަމަޖެހުމެއް ނޯންނާނެ. މި ގައުމުގައި އުޅޭނެ ގޮތަކަށް ހަމަ އުޅެންވީ. ކުދި ކުށެއް ބޮޑު ކުށެއް ނޯންނާނެ. ކުށެއް ވާނީ ކުށަކަށް. ކޮންމެ ކުށަކަށް ވެސް އެކަށީގެންވާ އަދަބު ދެވެން ޖެހޭ. ގާނޫނު ތަންފީޒު ކުރުމުގައި ނިކަމެތިވެގެން ގޮސް އަޅުގަނޑުމެންގެ މި ގައުމު ހަލާކުވެގެން މިދަނީ،" އާޒިމް ވިދާޅުވި އެވެ.
ވައްކަމުގެ މައްސަލަ ހައްލުކުރަން ތަންފީޒީ އިދާރާތަކުން މަސްތުވާތަކެތީގެ މައްސަލައަށް އެޑްރެސްކުރުން މުހިންމުވަނީ އެ ދެ ކަންތަކަކީ ލާމެހިފައިވާ ދެކަންތަކަށް ވާތީ އެވެ. ވައްކަން ކުރާ ގިނަ މީހުން ވައްކަން ކުރަނީ މަސްތުވާތަކެތި ހޯދުމުގެ ބޭނުމުގަ އެވެ. ޖަލުގައި ތިބެގެން ސްކޭމް ކޯލްކޮށްގެން ބޮޑެތި އަދަދުން މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދަނީ ވެސް މަސްތުވާތަކެެތި ހޯދުމަށެވެ.
މުއައްސަސާތަކުން މިކަމުގެ ސީރިއަސްކަމާމެދު ވިސްނަން ޖެހެ އެވެ. މިކަންކަން މިއަދު ހައްލު ކުރެވެން އޮތީ ހުރިހާ މުއައްސަސާތައް ގުޅިގެންނެވެ. ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވެގެން މިދަނީ އަތުފަތު ނުޖެހޭހާ ބާރު މިނުގަ އެވެ. ރަނގަޅު ދިރާސާތަކެއް ހަދައި ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ މި ދުވަސް އަޅުގަނޑުމެންގެ ދަރީންނާއި ދަރިންގެ ދަރީންވެސް ދެކުމަކީ ކައިރި ކަމެކެވެ.












