ވަރުގަދަ ބެލްޖިއަމް އަތުން ސްލޮވާކިއާ އަށް ތާރީހީ މޮޅެއް، ލުކާކޫ އަށް ހިތްދަތި މެޗެއް

Jun 17, 2024, 5:57 PM
ވަރުގަދަ ބެލްޖިއަމް އަތުން ސްލޮވާކިއާ އަށް ތާރީހީ މޮޅެއް، ލުކާކޫ އަށް ހިތްދަތި މެޗެއް

ފްރޭންކްފާޓް (ޖޫން 17) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ވަރުގަދަ ބެލްޖިއަމް އިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން 1-0 އިން ސްލޮވާކިއާ އަތުން ބަލިވެއްޖެ އެވެ.

މިއީ ސްލޮވާކިއާ އިން ބެލްޖިއަމް ބަލިކުރި ފުރަތަމަ ފަހަރެވެ. ބެލްޖިއަމުން ޔޫރޯ އަށް ކޮލިފައިވީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ. އެކަމަކު، މި ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ އެކޭ އެއްގޮތަށް ފުރަތަމަ މެޗުން ބަލިވެފަ އެވެ. އެ ފަހަރު ބެލްޖިއަމް ބަލިވީ އިޓަލީ އަތުން 2-0 އިންނެވެ.

މީގެ ކުރިން ބެލްޖިއަމް އާއި ސްލޮވާކިއާ އެކުވެރިކަމުގެ ތިން މެޗު ކުޅެފައިވާއިރު، ދެ މެޗު އެއްވަރުވެ، އެއް މެޗުން ބެލްޖިއަމް ވަނީ މޮޅުވެފަ އެވެ. ބައިނަލްއަގުވާމީ މުބާރާތެއްގައި މި ދެ ޓީމުން ކުޅުނު ހަމައެކަނި މެޗުގައި ކާމިޔާބު މި ހޯދީ ސްލޮވާކިއާ އިންނެވެ.

ފްރޭންކްފާޓް އެރީނާގައި މިރޭ ކުޅުނު މެޗު ފަށައިގެން ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެކަމަކު އޭގެ ބޭނުމެއްނުހިފުނުއިރު، ބެލްޖިއަމަަށް ލިބުނު ދެރަ ބޮޑެވެ. ސްލޮވާކިއާ އިން ވަނީ މެޗުގެ ހަތް ވަނަ މިނިޓްގައި ލަނޑެއް ޖަހައި ލީޑުނަގައިފަ އެވެ.

ލަނޑު ޖެހުމަށް ފަހު ސްލޮވާކިއާ ކުޅުންތެރިން އުފާފާޅުކުރަނީ.

މިއީ ބެލްޖިއަމްގެ ވިންގް، ޖެރެމީ ޑޮކޫ އަތުން ގެއްލުނު ބޯޅައެއް ހޯދައި ސްލޮވާކިއާ އިން ޖެހި ލަނޑެކެވެ. އެ ގޮތުން، ސްލޮވާކިއާގެ ޖޫރަޖް ކުޗްކާ ޖެހި ޝޮޓް ބެލްޖިއަމްގެ ކީޕަރު، ކޮއެން ކަސްޓީލްސް މަތަކުރުމުން، ރީބައުންސް ބޯޅަ، އިވާން ޝްރަންޒް ވަނީ ގޯލަށް ވައްދާލައިފަ އެވެ.

ބެލްޖިއަމް އިން އެޓޭކަށް ޖެހިގެން ގޯލެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔައިރު، ކައުންޓަ އެޓޭކުގައި ސްލޮވާކިއާ އިން ދިޔައީ ފުރުސަތު ތަނަވަސްކުރަމުންނެވެ.

އެ ގޮތުން، މެޗުގެ 43 ވަނަ މިނިޓްގައި އޭރިއާތެރެއިން ވޮލީ އަކުން ލޫކަސް ހަރާސްލިން ޖެހި ބޯޅަ ހުށިޔާރުކަމާ އެކު، ކީޕަރު ކަސްޓީލްސް މަތަކުރިއެވެ.

ދެ ވަނަ ހާފު ފަށައިގެން 11 މިނިޓް ތެރޭ، ލުކާކޫ ލަނޑެއް ޖަހައި އެއްވަރުކޮށްދިނެވެ. މިއީ އަމަދޫ އޮނާނާ ދިން ބޯޅައަކުން ގޯލު ކުރިމަތީގައި ހުސްކޮށް ހުރެފައި ލުކާކޫ ޖެހި ގޯލެކެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ އޮފްސައިޑެއް ކަމަށެވެ. އޭގެ ފަހުން، އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ލުކާކޫ ޖެހި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެެވެ.

ބެލްޖިއަމްގެ ލުކާކޫ (ކ) އެޓޭކެއްގައި ބޯޅަ ފޮނުވާލަން މަސައްކަތްކުރަނީ.

މެޗުގެ 64 ވަަނަ މިނިޓްގައި، ސްލޮވާކިއާ ކީޕަރު މާޓިން ޑުބްރާވްކާ އަތުން ދޫވި ބޯޅައެއް ހޯދައި ބެލްޖިއަމްގެ ޔޯހަން ބަކަޔޯކޯ ޖެހި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ ސްލޮވާކިއާގެ ޑިފެންޑަރު، ޑޭވިޑް ހަންކޯ ވަނީ ބްލޮކްކޮށްފަ އެވެ.

ބެލްޖިއަމުން އެއްވަރުކުރަން މެޗުގެ 86 ވަނަ މިނިޓްގައި ލުކާކޫ އަނެއްކާ ވެސް ގޯލެއް ޖެހި އެވެ. މިއީ ބަދަލަކަށް ނުކުތް، ލޮއިސް އޮޕެންޑާ ދިން ބޯޅައަކުން ޖެހި ލަނޑެކެވެ. އެކަމަކު، ވީއޭއާރް އިން ބެލިއިރު، އެ ބޯޅަ ހިފައިގެން ދިޔައިރު، އޮޕެންޑާ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށެވެ. ރެފްރީ މި ނިންމުން ނިންމީ، ވީއޭއާރް އިން އަންގައިގެން ދަނޑުގައި ބަހައްޓާފައި ހުރި މޮނީޓަރުން ވެސް ބަލައިފަ އެވެ.

އޭގެ ފަހުން ވެސް ބެލްޖިއަމް އިން ކުރިއަށް ޖެހިގެން އެޓޭކްކޮށް ލަނޑެއް ޖެހޭތޯ ބެލި ނަމަވެސް ކާމިޔާބެއްނުވި އެވެ. އަނެއްކޮޅުން ކައުންޓަ އެޓޭކުގައި ސްލޮވާކިއާ އިން ވެސް ދިޔައީ ގޯލެއް ޖެހޭތޯ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ނަތީޖާ އަށް އިތުރު ބަދަލެއް ނާދެ އެވެ.

ސްލޮވާކިއާ އިން މި ވަނީ ޕޮއިންޓަކުން ފުއްދާލަން ނިންމައިގެން ނުކުތް މެޗުން ބޮޑު މޮޅެއް ހޯދައިފަ އެވެ.

އެންމެ ފަހުން 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ބެލްޖިއަމް ކެޓި ފަހުން އެ ޓީމުން ކުޅުނު ރަސްމީ 14 މެޗުން ވެސް ބަލިނުވެ އެވެ. އެކަމަކު، އެނބުރި ރަސްމީ މުބާރާތެއްގައި، ބެލްޖިއަމް ކުޅުނު ފުރަތަމަ މެޗުން މި ވަނީ، ފީފާ ރޭންކިންގައި އެ ޓީމަށް ވުރެ 45 ދަރަޖަ ފަހަތުގައި އޮތް ސްލޮވާކިއާގެ އަތްދަށުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox