މާލޭ ގެއަކުން ބޮޑު ހަރުފައެއް ހިފައިފި އެވެ.
މާލޭ ގެއެއްގެ ތެރެއިން ބޮޑު ހަރުފައެއް ހިފާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. މައުލޫމާތު ލިބެނީ ދިގު މިނުގައި މަދުވެގެން ހަތަރު ފޫޓު ހުރި އެ ހަރުފަ ހިފާފައި ވަނީ މާފަންނު ގެއަކުން ކަމަށެވެ.
ހަރުފަ ރާއްޖެ އެތެރެކުރުން ވަރަށް ބޮޑަށް ހިފަހައްޓައި، ގޭތެރޭގައި ގެންގުޅޭ ޖަނަވާރުގެ ގޮތުގައި ހަރުފަ ގެންގުޅުން މަނާކޮށްފައި އޮތް އޮތް ނަމަވެސް ދޭތެރެއަކުން މާލެއިން ހަރުފަ ފެނެ އެވެ.
އާންމުކޮށް މިހެން ފެންނަ ހަރުފަތަކަކީ ރާއްޖެ ގެންނަ މުދާ، ހާއްސަކޮށް ލަކުޑި، ކޮންޓެއިނަރުތަކުގެ ތެރޭގައި އަންނަ ހަރުފަތަކެވެ. މިހެން ނަމަވެސް ބައެއް ގޭގޭގައި ހަރުފަ ގެންގުޅޭ ކަމަށް އަޑުފެތުރެ އެވެ.
ބެލެވެނީ މިފަހަރު ފެނުނު ހަރުފައަކީ ވެސް މިފަހުން މާލޭގެ ގުދަނަކުން ފެނުނު ކަހަލަ ބާމީސް ޕައިތަން އެއް ކަމަށެވެ.

ބާމީސް ޕައިތަން އަކީ ހަރުފައިގެ ތެރެއިން ވެސް ވަރަށް ބޮޑުވާ ވައްތަރެކެވެ. މި ހަރުފަ އާންމު ގޮތެއްގައި ފެންނަނީ ސައުތު އޭޝިޔާ އިންނެވެ. މި ހަރުފަ އާންމު ގޮތެއްގައި 16 ފޫޓަށް ދިގުވެ އެވެ.













