ވެލިމާ ނަމަކަށް ކިޔާ ލޯންޗެއް ތ. ކިނބިދޫ ނެރު ފަސްގަނޑަށް އަރައި ދެ މީހަކަށް އަނިޔާވެެއްޖެ އެވެ.
މީޑިއާތަކަށް ފުލުހުން މިރޭ ފޮނުވި މެސެޖެއްގައި ބުނީ އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހަވީރު 5:00 ހާއިރު ކަމަށެވެ. އަދި އެ ހާދިސާގައި އަނިޔާވި މީހުންނައި ލިބުނީ ވަރަށް ކުދި ޖިސްމާނީ އަނިޔާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކިނބިދޫ ނެރު ފަސްގަނޑަށް އެރި ލޯންޗުގައި ތިން މީހަކު ދަތުރު ކުރި ކަމަށް ފުލުހުން ބުންޏެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ރަށްރަށުގެ ނެރު މައްޗަށް ލޯންޗު އެރުމުގެ ސަބަބުން މީގެ ކުރިން ވަރަށް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި މީހުންގެ ފުރާނަ ގެއްލި، ބޮޑެތި އަނިޔާތަކެއް ވެސް ލިބިފައި އެބަހުއްޓެވެ.













