މަސްވެރިން މިފްކޯއަށް ކިރި މަހަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ނުދެވި އޮތް 80 ވަރަކަށް މިލިޔަން ރުފިޔާގެ ތެރެއިން 46 މިލިޔަން ރުފިޔާ އީދުގެ ކުރިން ދޫކުރާނެ ކަމަށް އެކުންފުނިން މިއަދު ބުނެފި އެވެ.
މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހީމް ސައީދު މިިއަދު "އަދަދު" އަށް ވިދާޅުވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އިއްޔެއިން ފެށިގެން އޮޑިވެރިންގެ އެކައުންޓްތަކަަށް ޖަމާކުރަން ފަށާފައިވާ ކަމަށާ އީދުގެ ކުރިން 46 މިލިޔަން ރުފިޔާ ދޫކޮށް ނިމޭނެ ކަމަށެވެ. ނުދެވި ފަހަތަށް ގޮސްފައިވާ ފައިސާގެ ބާކީ ބައި ވެސް ވީހާ އަވަހަކަށް ދީ ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
" އިއްޔެއިން ފެށިގެން ފައިސާ ޖަމާކުރަން ފަށާފައި ވަނީ. އީދުގެ ކުރިން 46 މިލިޔަން ރުފިޔާ ދޫކޮށް ނިމޭނެ،" އޭނާ ވިދާޅުވި އެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުނު އިރު މަސްވެރިންނަށް މިފްކޯއިން ދޭންޖެހި، ނުދީ ހުރި ފައިސާގެ އަދަދު އޮތީ 200 ވަރަކަށް މިލިޔަން ރުފިޔާއަށް އަރައިފަ އެވެ. އޭގެ ފަހުން ވެސް ފައިސާ ނުދެވި، އެ އަދަދު 277 މިލިޔަނަށް އެރި އެވެ.
އެ ހިސާބަށް ދިއުމުން މިފްކޯގެ ކޫއްޑޫއަށް މަސްވެރިން ޖަމާވެ ބޮޑު މުޒާހަރާއެއް ކުރި އެވެ. އެހިސާބުން ފައިސާ ހޯދައި ދޫކުރަމުން އައިސް މިދިޔަ އޭޕްރިލް މަހު ގާތްގަނޑަކަށް ހުރިހާ ފައިސާއެއް ދީ ނިންމި އެވެ. އޭގެ ފަހުން އަނެއްކާ ވެސް ނުދެވި ހުރި ފައިސާގެ އަދަދު ގިނަވަމުން ގޮސް، އިއްޔެއާ ހަމަައަށް 80 ވަރަކަށް މިލިޔަން ރުފިޔާ ނުދެވި އޮތެެވެ.

އެކަމާ ނުރުހުން ފާޅުކުރަން ހުވަދުއަތޮޅުގެ މެސްވެރިން މަޑަވެލީގައި އިއްޔެ މުޒާހަރާ ކުރި އެވެ.













