ބަންގްލަދޭޝްގައި ކޮކާ ކޯލާ އިސްތިހާރެއް ދެއްކި އިރު، އެ އުފެއްދުމާ އިޒްރޭލާ ގުޅުމެއް ނެތް ކަމަށް ހަދައި، ދޮގު މައުލޫމާތެއް ހިމެނުން އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް ކޮކާ ކޯލާ ކުންފުންޏަށް އަމާޒުވެއްޖެ އެވެ.
ބަންގްލަދޭޝްގައި ކޮކާ ކޯލާގެ ވިޔަފާރި އިތުރު ކުރުމަށް ދެއްކި އިސްތިހާރުގައި ނުބައި މައުލޫމާތު ހުރުމުން، އަމާޒުވި ފާޑުކިއުންތަކާ އެކު އެ އިޝްތިހާރު ކުޅުނު ދެ އެކްޓަރުން ވަނީ އާއްމުންގެ ކިބައިން މައާފަށް އެދިފަ އެވެ.
އެ އިސްތިހާރުގައި ކޮކާ ކޯލާއަކީ އިޒްރޭލުގެ އުފެއްދުމެއް ނޫން ކަމަށް ދޭހަކޮށްފައިވެ އެވެ. އަދި ކޮކާ ކޯލާ އުފައްދާ ފެކްޓްރީއެއް ފަލަސްތީނުގައި ހުންނަ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ އިސްތިހާރު ފުރަތަމަ ދައްކާފައި ވަނީ ޓުވެންޓީ20 ވޯލްޑްކަޕްގައި އިންޑިއާ އަދި ޕާކިސްތާން ބައްދަލުކުރި މެޗުގަ އެވެ. މިކަމާ ގުޅިގެން ރަސްމީކޮށް ކޮކާ ކޯލާއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އޮކްޓޯބަރު 7، އިން ފެށިގެން އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލްއާންމާ ގުޅިގެން ކޮކާ ކޯލާއަށް އޮންނައޮތް ޑިމާންޑު ގައުމުތަކުގައި ދަށްވެ، އެ ކުންފުނީގެ ވިޔަފާރި ވެސް އަންނަނީ ދަށްވަމުންނެވެ.
ގާޒާގައި ހިންގަމުންދާ ގަތުލްއާންމާ ގުޅިގެން ބަންގްލަދޭޝްގައި ކޮކާ ކޯލާގެ ވިޔަފާރި 23 ޕަސަންޓު ވަނީ ދަށްވެފަ އެވެ. އަދި އެ ގައުމުގައި ކޮކާ ކޯލާއާ ދެކޮޅަށް ހަރަކާތްތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ.










