އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާ ކުރުމަށް، އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް ނަސީމް ހުށަހެޅުއްވި އިމިގުރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގަނެ 241 ކޮމިޓީއަށް ދިރާސާ ކުރުމަށް މިއަދު ފޮނުވައިފި އެވެ.
މި ބިލު މަޖިލީހަށް ބަލައިގަތީ މެންދުރު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 88 މެންބަރުންގެ އިއްތިފާގުންނެވެ.
ބިލުގެ އިބުތިދާއީ ބަހުސްގައި 241 ކޮމިޓީއަށް މި ބިލު ދިރާސާ ކުރުމަށް ފޮނުވުމަށް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އެވެ.
މިދިޔަ މެއި 30، ވަނަ ދުވަހު މީކާއިލް މަޖިލީހަށް ހުށަހެޅުއްވީ ގާނޫނު ނަންވަރު 1/2007 (ދިވެހިރާއްޖޭގެ އިމިގުރޭޝަން ގާނޫނު) ގެ އަށްވަނަ މާއްދާގެ ހ. ގެ ހަތްވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރު ކުރުމަށެވެ.
މީކާއިލް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ރާއްޖެ އެތެރެ ނުވެވޭނެ މީހުންގެ ތެރޭގައި "އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުން (މީގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓުގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުން ވެސް ހިމެނޭ)" ކަމަށެވެ.

އެ ބިލު މީކާއިލް ހުށަހެޅުއްވީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާއްމާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުން އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތް ހެދުމަށް ސަރުކާރަށް ގޮވާލައި 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކުރުމުން ވެސް އެކަމަށް ސަރުކާރުން އޭރު އިޖާބަ ދީފައި ނުވާތީ އެވެ.
އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކޮށް އިޒްރޭލުގެ އުފެއްދުންތައް ރާއްޖެ ގެނައުން މަނާކުރަން ގޮވާލާ ގަރާރު މަޖިލީހުން ފާސްކުރީ އެޕްރިލް 1، ގަ އެވެ.
އެ ބިލު މަޖިލީހަށް ހުށަހެޅި ފަހުން ވަޒީރުންގެ މަޖިލީހުން ވަނީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އެ ޕާސްޕޯޓު މަނާކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ފާސްކޮށްފަ އެވެ. ބެލެވޭ ގޮތުގައި ސަރުކާރުން ބޭނުންވާ ބަދަލުތައް ކޮމިޓީ މަރުހަލާގައި މި ބިލަށް ގެންނާނެ އެވެ. ބިލު ފާސްކޮށް ގާނޫނަށް އިސްލާހު ގެނައުމަށް ވޯޓަށް އަހާނީ ކޮމެޓީ މަރުހަލާ ނިމުމުންނެވެ.













