ސަރުކާރުގެ ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން، ސިޔާސީ މުވައްޒަފުން ހިމެނޭހެން އެއްވެސް މުވައްޒަފަކު މަގާމުން ވަކިކުރުން އެއީ އެންމެ ފަހުން އަޅާނެ ފިޔަވަޅު ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، ދައުލަތުގެ ހަރަދު ކުޑަކުރުމަށް މި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން "އަދަދު" އިން ސުވާލުކުރުމުންނެވެ. އެގޮތުން ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށްވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސްޕެސިފިކް ކޮށް ސްޓާފުން މަދުކުރުމެއް ނޫން ދެން، އެ ކަންކަމަކީ އެންމެ ފަހު ކަންކަން ދެއްތޯ، ކޮންމެ ގޮތެއްވިޔަސް އާއިލާތަކާ ގުޅިފަ ހުރި ކަންތައްތަކެއް، އޭގެ ބަދަލުގަ އިސްރާފު ހުންނަ ދިމަދިމާ ފާހަގަކޮށްގެން [ހަރަދު ކުޑަކުރަނީ]،" ސިޔާސީ މުވައްޒަފުން ވަޒީފާއިން ކަނޑާލަން މަސައްކަތް ކުރާ ވާހަތަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވި އެވެ.
މި ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އިން މައްޗަށް ނުދާނެ ކަމާށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް މިހާރު އެ އަދަދު އެޔަށްވުރެ ބޮޑުތަނުން މަތި ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ. ސަރުކާރުން ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ހާމަކުރަން ދެކޮޅު ހަދަމުންދާއިރު އޭގެ ތެރެއިން ގިނަ ބަޔަކު ވަޒީފާއިން ވަކިކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ވަނީ އަޑުތައް ފެތުރިފަ އެވެ.
މީގެއިތުރުން ސަރުކާރުން ހަރަދުކުޑަކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން އާސަންދަ އާއި ސަބްސިޑީތައް އިސްލާހުކޮށް އެސްއީތައް ރިފޯމްކުރުމަށް ރޭވެމުންދާ ކަމަށްވެސް މާލީ ވަޒީރު ވިދާޅުވި އެވެ. އަދި މުވައްޒަފުން މަދު ކުރުމަކީ ހައްލެ ނޫން ކަމަށް ދޭހަވާ ގޮތަށް ތަކުރާރުކޮށް މިނިސްޓަރު ވާހަކަދެއްކެވި އެވެ.

ޝަފީގު މިހެން ވިދާޅުވި ނަމަވެސް ދައުލަތުގެ މާލީ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިޔުމަށް ސަރުކާރުން ހޭދަކުރި އަދަދަށް ވުރެ މިއަހަރުގެ އެ މުއްދަތުގައި ހޭދަކުރި އަދަދު ދަށްވެ މުސާރަ ދިނުމަށް ހަމަ އެ މުއްދަތުގެ ތެރޭގައި ކުރި ހަރަދު ބޮޑުތަނުން އިތުރުވެފަ އެވެ.
މުސާރަ ދިނުމަށް ކުރި ހޭދަ ވަނީ 614 މިލިއަނުން އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހު ދައުލަތުން މުސާރަ ދޭން ހޭދަކުރީ 4.8 ބިލިއަން ރުފިޔާ (4,858 މިލިއަން ރުފިޔާ) އެވެ. މި އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ މުސާރަ ބިލު 5.4 ބިލިއަން ރުފިޔާ (5,472 މިލިއަން ރުފިޔާ) އަށް ވަނީ އަރާފަ އެވެ.













