ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ކޮއްކޮ އަތީގުއްރަހުމާނަށް ޑަބަލް ޕްރޮމޯޝަނެއް ދީފައިވާ ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.
އަތީގަށް ޑަބަލް ޕްރޮމޯޝަނެއް ދިން ކަމަށް ބުނެ އެ ވާހަކަ ސޯޝަލް މީޑިއާ ޕްލެޓްފޯމު އެކްސްގައި އިއްޔެ ލިޔެފައި ވަނީ ކާކުކަން ނޭނގޭ ގޮތަށް ހިންގާ "ހަސަން ކުރުސީ" ގެ އެކައުންޓުންނެވެ.
ނަމަވެސް އެ ޕޯސްޓަށް ރައްދު ދީ ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ "އެއީ ދޮގު ވާހަކައެއް" ކަމަށެވެ.
އަތީގް މިހާރު ހުރީ ފުލުހުންގެ އިންސްޕެކްޓަރު ގްރޭޑް އެކެއްގެ ރޭންކުގަ އެވެ. މީގެ ކުރިން ސަބް އިންސްޕެކްޓަރެއްގެ މަގާމުގައި އޭނާ ހުއްޓައި ޕްރޮމޯޝަން ދީފައި ވަނީ ކުރީގެ ސަރުކާރުންނެވެ.
އަތީގް މަސައްކަތް ކުރަނީ ފުލުހުންގެ އިންޓެލިޖެންސް ޑައިރެކްޓްރޭޓުގަ އެވެ. އޭނާއަކީ އެތަނުގެ ޑިޕާޓްމަންޓެއްގެ އިސް ވެރިޔެކެވެ. އެނގިފައިވާ ގޮތުގައި އެއީ ސިޔާސީ ބައެއް މައްސަލަތައް ބެލުމަށް ހަވާލުކޮށްފައި އޮންނަ ޑިޕާޓްމަންޓެވެ.

ފުލުހުންގެ އިންޓެލިޖެންސް ޑައިރެކްޓްރޭޓުގެ ވެރިޔަކަށް މިވަގުތު ހުންނަވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމެވެ.
އަތީގް ކުރިން މަސައްކަތް ކުރީ ގަލޮޅު ޕޮލިސް ސްޓޭޝަނުގަ އެވެ. ޓްރެފިކްގެ ކަންކަން ވެސް ކުރިން ބަލަހައްޓަމުންދިޔައީ ގަލޮޅު ޕޮލިސް ސްޓޭޝަނުންނެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ އުސޫލު އޮންނަ ގޮތުން ޑަބަލް ޕްރޮމޯޝަނެއް މިހާރަކު ނުދެވޭނެ އެވެ. ޕްރޮމޯޝަން ދެވޭނީ ކޮންމެ މަގާމެއްގެ ގްރޭޑުގައި ވަކި އަހަރެއް މަސައްކަތް ކުރުމުންނެވެ. ޕްރޮމޯޝަން ދޭއިރު މީހާގެ ތައުލީމީ ފެންވަރަށް ވެސް ބަލަ އެވެ.












