ފުލުހުންގެ އޮފީސް އޮފް ދަ ކޮމިޝަނާގެ ހެޑްގެ މަގާމުގައި ހުންނެވި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އަދި ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް، އެސިސްޓެންޓް ކޮމިޝަނަރުންގެ ރޭންކަށް މިއަދު ޕްރޮމޯޓްކޮށްފި އެވެ.
ފުލުހުންގެ ތަރުޖަމާނުގެ ގޮތުގައިވެސް މިހާރު ހުންނެވި ޝިފާން "އަދަދު" އަށް ވިދާޅުވި ގޮތުގައި މަގާމުގެ ކުރިއެރުމުގެ ލިޔުން ހަވާލުކުރެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނު އެވެ.
އެސިސްޓަންޓު ކޮމިޝަނަރު (އޭސީޕީ) އަކީ ފުލުހުންގެ ހިދުމަތުގައި އިދާރީ ގޮތުން އެންމެ މަތީ މަގާމެވެ. ކޮމިޝަނަރު އަދި ޑެޕިއުޓީ ކޮމިޝަނަރުން އައްޔަންކުރައްވާނީ ރައީސް އެވެ.
މިއަދު އޭސީޕީ ކަމަށް ޕްރޮމޯޓުވި ޝަރީފަކީ ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްކޮށް މަސައްކަތްކުރައްވައި ކޮމާންޑަރުކަން ކުރައްވާފައިވާ ފުލުހެކެވެ.
ޝިފާނަކީ އޮސްޓްރޭލިޔާއިން ތައުލީމު ހާސިލު ކުރެއްވުމުގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ޕޮލިސް ކޮލެޖުތަކުން ތަމްރީނުވެފައިވާ ބޭފުޅެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ޝިފާނު ހުންނެވީ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ވެރިޔަކަށެވެ. އޭރުވެސް އޭނާ ވަނީ ފުލުހުންގެ ތަރުޖަމާނުގެ މަގާމު ވެސް ފުރުއްވާފަ އެވެ.

މީގެ އިތުރުން، ޝިފާން އާއި ޝަރީފު ތިއްބެވި ޗީފް ސުޕްރިންޑެންޓުގެ މަގާމަށް އެކްޓިން ޑެޕިއުޓީ ހެޑް އޮފް އިންޓެލިޖެންސް، ސުޕްރިންޑެންޓު އިސްމާއިލް ޝަމީމް އަދި ސުޕްރިންޑެންޓު އިބްރާހިމް ނަބީލް ވަނީ ޕްރޮމޯޓް ކޮށްފަ އެވެ.












