އެމެރިކާ ސަރުކާރުން ރާއްޖޭގެ ވެރި ރަށް މާލޭގައި ހިންގާ އެމެރިކަން ސެންޓަރުގެ ފާރުގައި "ޓެރަރިސްޓު" އަދި "ކުޑަކުދިން މަރާ މީހުން" ސްޕްރޭ ފުޅިއަކުން ލިޔުނު މީހަކު ފުލުސް އޮފީހަށް ހާޒިރުކޮށް އޭނާގެ މައްސަލަ ބަލަން ފަށައިފި އެވެ.
އަހުމަދު ސޮބާހު ނަމަކަށް ކިޔާ މީހެކެވެ. އޭނާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެމެރިކަން ސެންޓަރުގެ ފާރުގައި އޭނާ ލިޔުނު ލިޔުމަކީ އާޓްވޯކެއް ކަމަށެވެ. އެކަން އޭނާ ކުރީ އިޒްރޭލުން ހިންގާ ގަތުލުއާންމާ ދެކޮޅު ހެދުމުގެ ގޮތުން އަދި ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ދެއްކުމުގެ ގޮތުން ކަމަށް ސޮބާހު ބުނެ އެވެ.
އެމެރިކަން ސެންޓަރުގެ ފާރުގައި ލިޔުނު މައްސަލައިގައި އޭނާއާ ދެކޮޅަށް މައްސަލައެއް ފައިލްކޮށްފައިވާ ކަމަށް ސޮބާހު ބުނެ އެވެ. އޭނާގެ ވަކީލު ހަމްޒާ ހަލީލު ވިދާޅުވެފައި އޮތީ އޭނާގެ މުވައްކިލަކީ އާޓިސްޓެއް ކަމަށާއި ފާރުގައި ލިޔުމަކީ އާޓިސްޓެއްގެ ހައިސިއްޔަތުން އޭނާ ފާޅުކޮށްފައި އޮތް ހިޔާލެއް ކަމަށެވެ.
"އަޅުގަނޑު ޕްރޮސެކިއުޓާ ޖެނެރަލްއަށް ގޮވާލަނީ އިންސާނީ ހައްގުތަކުގެ އަދި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ނަޒަރުން މި މައްސަލައަށް ބެލުމަށް. އޭނާ ކުރި ކަމަކުން އަސަރު ކުރީ އިހުސާސްތަކަކަށް،" ހަމްޒާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި އޮތެވެ.
އެ މައްސަލައިގައި ފުލުހުންގެ ކޮމެންޓެއް މި ވަގުތު ލިބޭ ގޮތެއް ނުވި އެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމަށް އެންމެ ބޮޑަށް ވާގިވެރިވަނީ އެމެރިކާއިންނެވެ. އިޒްރޭލުން ބުނި އަދަދަކަށް ހަތިޔާރު ފޯރުކޮށްދިނުމުގެ އިތުރުން ފައިސާގެ އެހީ ވެސް އެމެރިކާއިން އިޒްރޭލަށް ދެ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް އެ ކޯޓުގެ ޕްރޮސެކިއުޓަރުން އެދުމުން، އެ ކޯޓާ ދެކޮޅަށް ވެސް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އދ. އަދި އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކުގެ މީހުން ވެސް އެމެރިކާއިން ވަނީ ކުށްވެރިކޮށްފަ އެވެ.
އޮކްޓޯބަރު 7، 2023، ގައި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ފެށި ގަތުލުއާންމުގައި 36،439 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ މަރާލައިފަ އެވެ. އޭގެ ތެރޭގައި 15،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. އަދި ފަލަސްތީނުގެ 10،000 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފައިވާއިރު 82,627 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.











