ހުޅުލެ ނެރު ކައިރިން ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތް މީހަކަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ ރޭ 11:00 ޖަހާކަށް ހާއިރު ކަމަށާއި އެ ހާދިސާގައި އަނިޔާވި ހުރިހާ އެންމެން ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށެވެ. އެމީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި އެމީހުންގެ ހާލު އަދި ސާފެއް ނުވެ އެވެ.
އެ ހާދިސާ ހިނގަން މެދުވެރި ސީދާ ސަބަބެއް އަދި ނޭނގުނު ނަމަވެސް ފުލުހުން މީސްމީޑިއާގައި އާންމު ކުރި ފޮޓޯތަކުން ފެންނަން ގޮތުގައި އެކްސިޑެންޓުވި އެއް ލޯންޗު މުޑިއަރާފައި ހުރީ އަނެއް ލޯންޗުގެ އަރިމައްޗަކުން މެދުތެރެއަށެވެ.
އެ ހާދިސާގައި އެ ދެ ލޯންޗަށް ވެސް ގެއްލުންތަކެއް ލިބިފައިވެ އެވެ. އެހެންނަމަވެސް އެއީ ކޮން ދެ ލޯންޗެއް ކަމެއް ފުލުހުން ހާމައެއް ނުކުރެެ އެވެ.
އެ މައްސަލަ ފުލުހުންގެ މެރިން އިންވެސްޓިގޭޝަން ޑިޕާޓުމެންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.














