ކ. ގުރައިދޫގައި ފުލުހުންނަށް އިންޒާރުދިން ކުޑަކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ގުރައިދޫ މަގުމަތީ ކުޑަކުއްޖަކާއި ފުލުހުންނާ ދެމެދު ހަމަނުޖެހުމެއް ހިނގާ މަންޒަރު ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މިކަމާ ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ދައުރުވާ ވީޑިއޯ އިން ފެންނަނީ މަގުމަތިން ފުލުހުންނަށް އިންޒާރު ދިން ކުޑަކުއްޖަކު ބެލުމުގެ ދަށަށް ގެންދާ މަންޒަރު ކަމަށެވެ.
"މަގުމަތިން ފުލުހުންނަށް އިންޒާރުދިން ކުޑަކުއްޖެއް އެއީ، އޭނަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު އެ ފެންނަނީ،" ޝިފާން ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝިފާން ވިދާޅުވީ ކުއްޖާ ބެލެނިވެރިންގެ ހާޒިރުގައި ކުއްޖާއަށް ނަސޭހަތްދީ އެ ކުއްޖާ ވަނީ ބެލެނިވެރިންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމީން މުހައްމަދު ވެސް ވަނީ މިއީ ކުޑަކުއްޖަކާ ފުލުހުންނާ ދެމެދު ހިނގި ހާދިސާއެއް ކަން "އަދަދު"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯގައި އާދައިގެ ހެދުމުގައި ހުންނަ ފުލުހަކާއި ޔުނިފޯމުގައި ތިބި ދެ ފުލުހުން ފެންނައިރު، ކުޑަކުއްޖާ ކުރިމަތިލީ އާދައިގެ ހެދުމުގައި ހުންނަ ފުލުސް މީހާއާ އެވެ. އެއަށްފަހު ކުޑަކުއްޖާގެ އަތް ލޮކް ކޮށްގެން ފުލުސް މީހާ އެ ކުއްޖާ ކޮންޓްރޯލް ކުރާ މަންޒަރު ފެނެ އެވެ.













