ރާއްޖޭގެ މާލީ ހާލަތު ދެނެގަތުމަށް، ފިނޭންސް މިނިސްޓަރު ޑރ. ޑރ. މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން، އެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މިއަދު ކުރިއަށްދިޔަ އެ ކޮމިޓީގެ ބައްދަލުވުމުގައި މާލީ ހާލަތު ދެނެގަތުމަށް ވަޒީރު ހާޒިރުކުރަން ހުށަހެޅުއްވީ، ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ، މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެވެ.
އެ ހުށަހެޅުމަށް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުން ތާއީދުކުރެއްވިއިރު، އެގޮތަށް ފާސްވީ މެންބަރުންގެ އިއްތިފާގުންނެވެ.
"މިހާރު މާލީ ހާލަތު އޮތް ގޮތް އަޅުގަނޑުމެން އެބަޖެހޭ ވަރަށް ރަނގަޅަށް ދެނެގަންނަން، ސާފުކުރަން، އެހެންވީމަ އަޅުގަނޑު އެންމެ ފުރަތަމަ ކަމަކަށް ކޮމިޓީގެ ހުރިހާ މެންބަރުންވެސް ތިއްބަވައިގެން ކޮމިޓީއަށް ތެދު ސައްހަ މައުލޫމާތު ދެއްވުމަށް ފިނޭންސް މިނިސްޓަރަށް ދަންނަވަން އަޅުގަނޑަށް ފެނޭ،" ކޮމިޓީގައި ނާޒިމް ވިދާޅުވި އެވެ.
މިފަދައިން ހާލަތު ދެނެގަނެވުމުން، މަޖިލީހުން މާލީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެނގޭނެ ކަމަށާއި އެ މަސައްކަތް ލަސްކުރާނެ ވަގުތެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ހުށަހެޅުއްވުމަށް ޕީއެންސީގެ ހުރިހާ މެންބަރުންގެ އިތުރުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ، އެމްޑީޕީއަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާގެ އިތުރުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވެސް ތާއީދުކުރެއްވި އެވެ.
މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ރާއްޖޭގެ އިގުތިސާދު ހަމައަކަށް އެޅުވުމަށާއި ކޮންމެހެން ކުރަން ނުޖެހޭ ހަރަދުތައް ކުޑަކުރުމަށް އަމާޒުކޮށްގެން އަޅާފައިވާ މުހިންމު އިސްލާހީ ފިޔަވަޅުތަކެއް ހިމަނާފައިވެ އެވެ. ބަޖެޓު ފޮތުން އެނގޭ ގޮތުގައި އެ ބަޔާންކުރާ ދައުލަތުގެ މާލީ ކަންކަމާ ގުޅޭ އިސްލާހުތައް ޖުލައި 2024, ގައި ފަށަން އޮތީ ރާވައި ހިމަނައިފަ އެވެ.
ޖުލައި މަސް ފެށެން މަހެއްހާ ދުވަސް ވެސް ނެތްއިރު މި އިސްލާހުތައް ތަންފީޒު ކުރުން ބޭނުންވާ މަގުޗާޓާއި, ތާވަލުގެ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަނުކުރެ އެވެ.













