ކަރަންޓު ބިލު ބޮޑުވުމާއި ގުޅިގެން ސްޓެލްކޯ ކައިރިއަށް އެއްވެ އާންމުން މުޒާހަރާކުރާތީ އެ އިމާރާޓުގެ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ސްޓެލްކޯ ކައިރީގައި މުޒާހަރާ ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށް، ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެގޮތުން ސުލްހަވެރިކަމާއެކު މުޒާހަރާ ކުރިއަށްދާނަމަ، ހުއްޓުވަން މަސައްކަތް ނުކުރާނެ ކަމަށާއި، އާންމުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަރައިނުގަންނާނެ ކަމަށް ފުލުހުން ބުނެ އެވެ.
އާދަޔާ ހިލާފަށް ކަރަންޓު ބިލުތަށް ބޮޑުވުމުގެ ސަބަބުން ވޭތުވެދިޔަ ދެ ދުވަހު ގިނަ އަދަދެއްގެ ބަޔަކު ދަނީ އެމީހުންގެ ގޭބިސީތަކުގެ ކަރަންޓު ބިލު އޭގެ ކުރީ ބިލަށް ވުރެ ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ބުނެ ބިލުތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.
ކަރަންޓް ބިލު ބޮޑުވުމާ ގުޅިގެން ނުރުހުން ފާޅުކުރަން ބައެއް މީހުން މިއަދު ސްޓެލްކޯ ކައިރިއަށް އެއްވި އެވެ. އޭރު ފުލުހުން ވަނީ ސްޓެލްކޯގެ ހެޑް އޮފީހާ ކައިރިނުވެވޭނެހެން އެ ސަރަހައްދުގައި ބެރިކޭޑް ޖަހައިފަ އެވެ.














