މާލެ ސަރަހައްދުގެ ގޭބިސީތަކަށް ސްޓެލްކޯއިން އެންމެ ފަހުން ފޮނުވި ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވެ ގިނަ ބައެއް ޝަކުވާ އާއި ނުރުހުން އެ ކުންފުންޏަށް ވަނީ އަމާޒުވެފަ އެވެ.
ވޭތުވެދިޔަ ދެ ދުވަހު ގިނަ އަދަދެއްގެ ބަޔަކު ދަނީ އެމީހުންގެ ގޭބިސީތަކުގެ ކަރަންޓު ބިލު އޭގެ ކުރީ ބިލަށް ވުރެ ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ބުނެ ބިލުތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.
ބިލު ހިއްސާކުރި އެކަކު ބުނެފައިވާ ގޮތުގައި އެ ގެއަށް ފޮނުވި ބިލުގައި ރީޑިން ނަގާފައިވާ ތާރީހުތަކުގައި އެއްވެސް މީހަކު ދިރިނޫޅެ އެވެ. އެހެން ނަމަވެސް, އެ ގޭގެ ބިލަށް ވެސް 1,100ރ. އަށް ވުރެ ގިނައިން އަރާފައިވާކަން ބިލުން އެނގެ އެވެ. އެހެންވެ އެއީ އޮޅުވައިލުމެއް ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.
ކަރަންޓު ބިލު ބޮޑުވި މައްސަލައި "އަދަދު" ނޫހާ ވާހަކަ ދެއްކި، މިހާރު ވެސް ޕީޕީއެމްގެ އިސް މެންބަރަކު ބުނީ އޭނާ ދިރިއުޅެމުންދާ އެޕާޓްމެންޓުގެ ކަރަންޓު ބިލް ހަދާފައި ވަނީ އޭޕްރީލް މެދެއްހައި ހިސާބުން ފެށިގެން 30 ދުވަހަށް ކަމަށެވެ. އެ މުއްދަތުގެ ގިނަ ދުވަސްތަކެއްގައި އުޅުނީ ރާއްޖޭން ބޭރުގައި ކަމަށާއި އަދި އެނބުރި ރާއްޖެ އައިއިރު، ވާރޭ ވެހެމުން ދިޔުމާއެކު އެއާކަންޑިޝަން ބޭނުންކުރި މިންވަރު ކުރީ މަސްތަކަށް ވުރެ މަދުވާނެ ކަމަށެވެ.

"ނަމަވެސް ބިލް އައީ ޑަބަލް ބޮޑުކޮށް. އަހަރެންނަކަށް ނޭނގެ ކިހިނެއް ކަމެއް މި ވަނީއަކީ. ސްޓެލްކޯއިން ކިހިނެއްތޯ އޮޅުވައިލާނީ. އެކަމަކު ވަރަށް ބޮޑު ސުވާލެއް. ގައިމު ޔަގީންވާ ކަމަކީ ކަރަންޓު ބިލް ބޮޑުވެގެން ނުވާނެކަން،" އޭނާ ބުންޏެވެ.
ބިލު ހިއްސާކުރި އެހެން މީހަކު ލިޔެފައިވާ ގޮތުގައި އޭނާގެ މުޅި އާއިލާ ރާއްޖޭން ބޭރުގައި 10 ދުވަސް އެ ރީޑިން ނެގި މުއްދަތުގައި ހޭދަކުރިއިރު އެ ގޭގެ ބިލު ވެސް އޮތީ ބޮޑުތަނުން އިތުރުވެފަ އެވެ. އާންމު މަހެއްގައި 1,400ރ. އަރާ އެ ގޭގެ ބިލު މިފަހަރު ސްޓެލްކޯއިން ފޮނުވިއިރު 3,900ރ. އަށްވުރެ ގިނައިން އޮތީ އަރާފަ އެވެ.
"މިގޭ ބިލަށް ދުވަހަކު ވެސް 700ރ. އަށްވުރެ މަތިން ނާރާ. ކުރިން ވެސް މިހާރު ވެސް އުޅެނީ ތިން މީހުން. ހުރީ ހަމަ އެކައްޗެއް. އެކަމަކު މި މަހުގެ ބިލު 1969ރ.," މީހަކު ބިލުގެ ހިއްސާކުރަމުން ބުންޏެވެ.
މިދިޔަ ދުވަސްތަކުގައި ވިއްސާރަވި ނަމަވެސް ބިލުތައް ބޮޑުވެފައިވާ ކަމަށް ވެސް އާންމުން ވަނީ ބުނެފަ އެވެ. ނަމަވެސް, ސްޓެލްކޯއިން ބުނާ ގޮތުގައި "އެންމެ ފަހުގެ ބިލްތަކުގައި ހިމެނެފައިވާނީ ވިއްސާރައިގެ މަދު ދުވަސްކޮޅެކެވެ."
"ހޫނު ގަދަވެ، ގޭގަޔާއި މީޓަރުގައި އަލިފާން ރޯވިޔަސް މިވަރު ވާނެ ކަމަށް ގަބޫލެއް ނުކުރަމެވެ. މާ ބޮޑު ކަމެއް ކޮށްދޭނެ ކަމެއް ނެތެވެ. މިހާވަރު އަރަންޖެހޭ ސަބަބެއް އޮޅުންފިލުވައިދެއްވާށެވެ. މިއީ ސިޔާސީ ކަމެއް ނޫނެވެ,"
"ރައްޔިތުން ފެލަން ވާނީ ވެސް ކުޅަދާނަ މިންވަރަކަށް. ސެލަރީ އެއްކޮށް ކަރަންޓު ބިލު ދައްކަން މިޖެހުނީ. ބާކީ ބިލްތަކަށް ސަލާން ޖަހަން," ކަންބޮޑުވުން ފާޅުކުރި ޒުވާނަކު ލިޔެފައިވެ އެވެ.
ބައެއް ފަރާތްތަކުން ވަނީ ކަރަންޓު ބޭނުންކުރި މިންވަރު އޭގެ ކުރީ ބިލަށް ވުރެ ކުޑަ ވިޔަސް މިފަހަރުގެ ބިލު މާ ބޮޑު ކަމަށް ބުނެ ބިލުތައް ވެސް ހިއްސާކޮށްފަ އެވެ.
"މި ދެ ބިލްގަ ޔޫސޭޖް މަދުން އެރި ބިލްގަައި ގިނައިން ޗާޖު ކޮށްފަ ގިނައިން ޔޫސޭޖް އެރި ބިލް އަށް މަދުން ޗާޖްވެފަ މި އިނީ ކީއްވެ؟ ދެން ތީގަ ތިބުނާ ގޮތުން ވެއްޖެޔާ ތަފާތު ބޮޑު ވެއްޖެޔާ ކަސްޓަމަރާ ވާހަކަ ނުދައްކާތަ؟," މީހަކު އެކްސްގައި ލިޔެފައިވެ އެވެ.
ރޯދަ މަހުގެ ކަރަންޓު ބިލުތައް ލުއިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ. އެހެން ނަމަވެސް, އެޕްރީލްގައި ފޮނުވި މާޗު މަހުގެ ބިލުތައް ވެސް އާދަޔާހިލާފަށް ބޮޑެވެ. ސްޓެލްކޯއިން އޭރު ބުނި ގޮތުގައި ރައީސް ވައުދުވީ ރޯދަ މަހު ލިބޭ ބިލަށް ޑިސްކައުންޓެއް ދޭށެވެ.
ބިލުތައް ބޮޑުވެ, ފާޑުކިޔުން އަމާޒުވުމުން ސަރުކާރުން އެކަން ސްޓެލްކޯ މެދުވެރިކޮށް ދިފާއު ވެސް ކުރި އެވެ. އަދި, އެ ބިލުގައި ރޯދަ މަހުގެ ގިނަ ދުވަސްތައް ހިމެނޭނެ ކަމަށް ސްޓެލްކޯއިން އޭރު ބުންޏެވެ.
އާންމުންގެ ނުރުހުން އަމާޒުވުމުން އަނެއްކާ ވެސް އެޕްރީލް ފަހުކޮޅު ފޮނުވި ބިލުތައް މުރާޖާކުރުމަށް ފަހު ޑިސްކައުންޓް ހިމަނައި ކަސްޓަމަރުންނަށް ފޮނުވި އެވެ. ސަރުކާރުގެ ވެރިން އެކަން ސިފަކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހެޔޮފުޅު" ކަމުން ކުރެއްވި ކަމެއް ކަމަށެވެ.
ރޯދަ މަހުގެ ގިނަ ދުވަސްތައް ކުރީ މަހުގެ ބިލުގައި ހިމެނިފައި މިފަހަރުގެ ބިލުގައި ރޯދަ މަހުގެ މަދު ދުވަސްތަކެއް ހިމެނޭއިރު މެއި މަހުގެ ބިލުތައް ބޮޑުވުމުގެ ޝަކުވާއިން ސޯޝަލް މީޑިއާ ވަނީ ފުރާލާފަ އެވެ.
"މި ޖައްސަލީ ކުރިން ކަނޑާލި ލާރިކޮޅު،" ކަރަންޓު ބިލް ބޮޑުވެގެން ހިތްހަމަ ނުޖެހިފައި ހުރި މީހަކު ބުންޏެވެ.
ކުރީގެ ލިޔުމެއް
ބިލްކުރާ ރޭޓުތައް
ސްޓެލްކޯއިން މާލޭ ސަރަހައްދުގެ ކަރަންޓަށް ބިލްކުރުމަށް ހަތް ބޭންޑެއް ހަދާފައިވެ އެވެ. އެންމެ ކުޑަކޮށް ބިލްކުރާނީ މަހެއްގެ ތެރޭގައި ބޭނުންކޮށްފައިވާ ކަރަންޓު ޔުނިޓުގެ ތެރެއިން 100 ޔުނިޓާ ހަމައަށެވެ. މާނައަކީ 100 ޔުނިޓު ހަމަވަންދެން އެ ގޭބިސީއަކަށް ބިލްކުރާނީ ކޮންމެ ޔުނިޓަކަށް 1.50ރ. ރޭޓުންނެވެ. މިސާލަކަށް 100 ޔުނިޓު ބޭނުންކޮށްފި ނަމަ 150ރ. އެވެ. ގޭބިސީއެއްގައި 899 ޔުނިޓުގެ ކަރަންޓު ބޭނުންކޮށްފި ނަމަ ބިލް ކުރާނީ ތިރީގައި މިވާ ގޮތަށެވެ.
- ފުރަތަމަ ބޭންޑު (0-100 ޔުނިޓު) - 150ރ. (ޔުނިޓަކަށް 1.5ރ)
- ދެ ވަނަ ބޭންޑު (101-200 ޔުނިޓު) - 170ރ. (ޔުނިޓަކަށް 1.7ރ)
- ތިން ވަނަ ބޭންޑު (201-300 ޔުނިޓު) - 215ރ. (ޔުނިޓަކަށް 2.15ރ.)
- ހަތަރު ވަނަ ބޭންޑު (301-400 ޔުނިޓު) - 250ރ. (ޔުނިޓަކަށް 2.50ރ.)
- ފަސް ވަނަ ބޭންޑު (401-500 ޔުނިޓު) - 295ރ. (ޔުނިޓަކަށް 2.95ރ.)
- ހަ ވަނަ ބޭންޑު (501-600 ޔުނިޓު) - 355ރ. (ޔުނިޓަކަށް 3.55ރ.)
- ހަތް ވަނަ ބޭންޑު (601 ޔުނިޓުން މަތި) - 1270.75ރ. (ޔުނިޓަކަށް 4.25ރ.)
މި ބިލްގައި 600 ވަނަ ޔުނިޓުގެ ނިޔަލަށް ޖުމުލަ އަރާނީ 1435ރ އެވެ. ނަމަވެސް ބާކީ 299 ޔުނިޓަށް 1275ރ. އަރަ އެވެ. ކަރަންޓު ބިލް ޑަބްލް ވެގެން މިދަނީ މިހެންވާތީ އެވެ.
ބައެއް ގޭބިސީތަކުގައި 600 ވަނަ ޔުނިޓާ ހަމައަށް ކޮންމެ 100 ޔުނިޓަކަށް އެވްރެޖް 103 ޔުނިޓުކަމަށް ބަލައިގެން ބިލް ހަދަފައި ވާއިރު، އެ ބޭންޑުތަކުގެ އެވްރެޖު ޔުނިޓު 93 ކަމަށް ބަލައިގެން ވެސް ބިލް ހަދާފައި އެބަ ހުއްޓެވެވެ.
ސްޓެލްކޯއަށް ކުރާ ތުހުމަތުތަކަށް ބަސް ބުނަންޖެހެ އެވެ. ސާފުކޮށްދޭން ޖެހެ އެވެ. ކަރަންޓު ބޭނުންކުރި މިންވަރު ބޮޑުވީއޭ ބުނުމުން ނުފުދެ އެވެ. ރައްޔިތުންގެ މި ބޮޑު ކަންބޮޑުވުމާ ގުޅިގެން ބިލްކުރާ ގޮތާމެދު ވެސް ހޭލުންތެރިކަން އުފައްދަންޖެހެ އެވެ.











