ސަރުކާރުގެ ހަރަދާއި އިސްރާފު ކުޑަކުރަންޖެހޭ ކަމަށާއި، އިތުރު ގޯހެއް ހަދައިގެން ކުރިއަށްދެވޭނެ މާލީ ގާބިލްކަމެއް ނެތް ކަަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޑރ. ޝަފީގު ވިދާޅުވީ ގިނަ އިގުތިސޯދުތައް ފެއިލްވެފައި ވަނީ އެސްއޯއީތަކުގެ ސަބަބުންނޭ ބުނުން ދޮގަކަށް ނުވާނެ ކަމަށާއި އެހެންވެ، ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމްކުރަންޖެހޭ ކަމަށެވެ.
"ސަބަބަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މި ކުރެވޭ ހޭދަ، އަޅުގަނޑުމެންނަށް އެންމެން ވެސް ގަބޫލު ކުރާ ގޮތުގައި ކުންފުނިތައް މިހާރަށް ވުރެ އެފިސިއެންޓުވާންޖެހޭ، ކުންފުނިތަކުގެ ހަރަދު ކުޑަކުރަންޖެހޭ. ޖުމުލަކޮށް ބަލާއިރު ސަރުކާރުގެ ހަރަދުތައް ވެސް މިހާރަށް ވުރެ ކުޑަކޮށް، އިސްރާފުގެ ބައި ކުޑަކުރެވެންޖެހޭ. އެއީ އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރާ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުގެ 25 އަށް ވުރެ ގިނަ ކުންފުނީގެ މާލީ ހާލަތު ދިރާސާކޮށް، އެ ކުންފުނިތަކަށް ދޭ ސަބްސިޑީ ކުޑަކުރެވޭނެ ގޮތެއް ހޯދަމުންދާ ކަމަށާއި މި އަހަރުތެރޭގައި ކުންފުނިތަކަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފެނެކަ އާއި އާރުޑީސީ ފަދަ ކުންފުނިތަކަކީ ސަރުކާރުން ކޮންމެ މަހެއްގައި ފައިސާ ދީގެން ހިންގަމުންދާ ކުންފުނިތަކެވެ. އަދި އެ ކުންފުނިތަކަށް ސިޔާސީ މަގުސަދުގައި، ކުންފުނީގެ މާލިއްޔަތަށް ނުތަކާ މިންވަރަށް މުވައްޒަފުން ވަނީ ވައްދައިފަ އެވެ.

ބޭރުން ފައިސާ ހޯދަން ގޮންޖެހުން
މި އަހަރަށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ އަކީ 33.5 ބިލިއަން ރުފިޔާ އެވެ. ބަޖެޓު ފޫބެއްދުމަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވެފައި ވާއިރު، ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުންނާއި އިގުތިސާދީ އިންޑިކޭޓާސްތަކާއި، ޖީޑިޕީގެ ނިސްބަތު ދަރަނި ހުރި ގޮތުން، މާލީ އިދާރާތަކުން ފައިސާ ފޯރުކޮށްދިނުމަށް ވެސް ދަތިތައް އެބަ ހުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިިހާރު މި ހާލަތުގައި އަޅުގަނޑުމެންނަށް އެފޯޑެއް ނުކުރެވޭނެ އެއްވެސް ކަހަލަ މިސްޓޭކެއް ހަދައިގެންނެއް. އެހެންވީމާ ވީހާ ވެސް މިސްޓޭކު ނުހަދައި ކުރިޔަށް ދެވޭތޯ މި ބަލަނީ،" މިނިސްޓަރު ވިދަޅުވި އެވެ.
މިފަދަ ދަތިތައް ހުރުމާއެކު، މިހާތަނަށް ބަޖެޓު މެނޭޖުކުރުމަށް ގިނަ ފައިސާ ހޯދީ ރަނގަޅު ޝަރުތުތަކެއްގައި ރާއްޖޭގެ އެތެރެއިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މާލީ އިސްލާހި ފިޔަވަޅުތަކުގެ ގޮތުގައި ސަބްސިޑީ އާއި އާސަންދަ އިސްލާހުކުރަން ކަނޑައަޅައި، އެކަމަށް ޖުލައި މަހުން ފެށިގެން އަމަލުކުރަން ބަޖެޓުގައި އޮތީ ކަނޑައަޅައިފަ އެވެ.
ރެވެނިއު މި ލިބެނީ ވަރަށް ބުރަ މަސައްކަތުގެ ނަތީޖާއިން ކަމަށާއި ޓެކްސް ޕޭޔަރުންގެ ފައިސާ ވާންޖެހޭނީ އިސްރާފު ނުކިރެވި، މުޖުތަމައުއަށް ފައިދާ ހުރި ކަންކަމަށް ހޭދަކުރާ ފައިސާ އަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި އަހަރުގެ ފުރަތަމަ ތިން މަހުގައި ވެސް ކުރީއަހަރަށް ވުރެ ބޮޑު ހޭދައަށް އާސަންދައަށް ކޮށްފައިވެ އެވެ. އެއީ 838 މިލިއަން ރުފިޔާ އެވެ.
"މިބަދަލުތައް ގެނެވޭނެ. ފައިދާ ފެންނާނެ. ފައިދާ ފެންނާނީ ކުރު މުއްދަތަށް ވުރެ ދިގު މުއްދަތަކަށް. މިކަން ކުރަންޖެހެނީ އަޅުގަނޑުމެންގެ މުސްގަތުބަލަަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް އެ ފިޔަވަޅުތައް އަޅަން ފަށާނެ ތާރީހެއް، ގޮތެއް ވިދާޅެއް ނުވެ އެވެ.
ބަޖެޓު ޑެފިސިޓު 14 ބިލިއަން އަށް އަރާއިރު، ބަޖެޓު ދެކޮޅު ޖެއްސުމަށް 17 ބިލިއަން ބޭނުންވާ ކަމަށާއި މާލީ އިސްލާހުތަކާއެކު 5 ބިލިއަން ރުފިޔާ ސޭވް ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.












