އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާއި ޔަހޫދީންގެ އަނިޔާއިން ފަލަސްތީނުގެ ރައްޔިތުން ސަލާމަތްކޮށްދެއްވުން އެދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގުނޫތު ކިޔުން ހުއްޓާލަން އެންގިތާ ހަތަރު މަސް ފަހުން އަނެއްކާވެސް ގުނޫތު ކިޔަން ފަށަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
ފަރުޟު ފަސް ނަމާދުގައި ކިޔަމުންދިޔަ ގުނޫތު ކިޔުން ހުއްޓާލަން އިސްލާމިކް މިނިސްޓްރީން މިސްކިތްތަކަށް އެންގީ ފެބްރުއަރީ މަހުގެ ހަތަރެއްގަ އެވެ.
ނަމަވެސް، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދުން ފެށިގެން ގުނޫތު ކިޔަން ނިންމާފައިވަނީ މަޣުރިބު ނަމާދާއި ފަތިސް ނަމާދުގައި ކަމަށެވެ.
އަދި، މުސްލިމުންނަކީ އެއް ހަށިގަނޑެއް ކަމަށާއި އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިވަގުތަކީ އިހުލާސްތެރިކަމާއެކު ދުއާކުރަންވީ ވަގުތު ކަމަށްވެސް މިނިސްޓަރު ލިޔުއްވާފައިވެ އެވެ.
ހަތަރު މަސް ކުރިން ގުނޫތު ކިޔުން ހުއްޓާލުމުން ގިނަ ބައެއްގެ ފާޑުކިޔުން މިނިސްޓަރަށާއި ސަރުކާރަށް އަމާޒުވި އެވެ. ސަބަބަކަށްވީ ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ކުރިއަށް ގެންދާ ގަތުލުއާއްމާއި ހަނގުރާމައިގެ ޖަރީމާތަކަށް އެއްވެސް ބަދަލެއް ނައިސް ކުރިއަށް ދަނިކޮށް ސަރުކާރުން އެފަދަ ނިންމުމެއް ނިންމުމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތެއްގައި އިޒްރޭލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ރައްތަކުގައި ރޭގަނޑުގެ ނަމާދުތަކަށްފަހު ގުނޫތު ކިޔަން އެންމެ ފުރަތަމަ އެންގީ އެ މަހުގެ 11 ގަ އެވެ. އެއަށްފަހު ފަސް ނަމާދަށްފަހު ގުނޫތު ކިޔަން ސަރުކާރުން އެންގީ އޮކްޓޯބަރު 18، 2024.
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމަށް 75 އަހަރުވެފައިވާއިރު ވޭތުވެދިޔަ ދެ މަސްދުވަހު ގާޒާއަށް މެދުނުކެނޑި ބޮންއަޅާތާ ހަ މަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެ ހަމަލާތަކުގައި މަރުވި ފަލަސްތީނު މީހުންގެ އަދަދު 35،000 އަށް ވުރެ މައްޗަށް އަރަ އެވެ.













