ރައީސް ޑރ. މުހައްމަދު މުއިއްޒު, ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒިޒް އަލް ސައުދު އަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފި އެވެ.
ސައުދީ ރަސްގެފާނުގެ ސިއްހީ ހާލަތާ ބެހޭ ހަބަރުތަކާމެދު ކަންބޮޑުވެވަޑައިގަންނަވާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ, ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފަ އެވެ.
ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަދި ކީރިތި ދެ މިސްކިތުގެ ބެލެނިވެރިފަރާތް ކަމަށްވާ ސައުދީ ރަސްގެފާނަށް ދުޅަހެޔޮ ސިއްހަތާއި ދިގު އުމުރެއް މިންވަރު ކުރެއްވުން އެދި ރައީސް މުއިއްޒު ދުއާ ކުރެއްވި އެވެ.
ސައުދީ ރަސްގެފާނު, ސަލްމާން ހޮސްޕިޓަލްގައި އެޑްމިޓް ކުރެއްވީ މެޑިކަލް ޓެސްޓުތަކެއް ހެދުމަށްފަހު އެމަނިކުފާނުގެ ޕުއްޕާމޭގައި އިންފްލެމޭޝަން އުފެދިފައިވާކަން އެނގުމުންނެެވެ. އެމަނިކުފާނަށް ގެންދަވަނީ ޖިއްދާ ހޮސްޕިޓަލުގައި އެންޓިބަޔޮޓިކްސް ދީގެން ފަރުވާދެމުންނެވެ.
އެމަނިކުފާނުގެ ހާލުކޮޅާމެދު ދުނިޔޭގެ ގައުމުތަކުގެ ވެރިން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

އުމުރުފުޅުން 88 އަހަރުގެ ރަސްގެފާނު ވަނީ 2020 ވަނަ އަހަރު ގޯލްބްލެޑާ ސާޖަރީއެއް ކުރައްވާފަ އެވެ. އޭގެ އިތުރުން ހިތަށް ލައްވާފައިވާ ޕޭސްމޭކަރުގެ ބެޓެރި 2022 ބަދަލު ކުރެއްވުމަށްފަހު ހަމަ އެ އަހަރު ކޮލޮނޮސްކޮޕީއެއް ހެއްދެވުމަށް ފަހު ހޮސްޕިޓަލުގައި އެޑްމިޓް ކުރެއްވި އެވެ.
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ކަމަށް ސަލްމާން ވަޑައިގެންނެވީ 2015 ވަނަ އަހަރު އެވެ. އޭގެ ކުރިން އެމަނިކުފާނު ވަނީ ވަލީ އަހުދު ކަމާއި ނައިބު ބޮޑު ވަޒީރުކަން ވެސް ކުރައްވާފަ އެވެ.













