މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިންގުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ބައްސާމު އާދަމް އާ ހަވާލުކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ބައްސާމް އާ ކުންފުނީގެ ހިންގުން ހަވާލުކުރީ ވަގުތީ ގޮތުން ކަމަށެވެ.
އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަައިޝާ ނޫރައިން ނަޖާހު ވަނީ އަންގާރަ ދުވަހުގެ ރޭ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އޭނާގެ އިސްތިއުފާއަށް 24 ގަޑިއިރު ނުވަނީސް އިއްޔެ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުން ފާތިމަތު ތައުފީގު (ކުޑީ) ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެ ކޯޕަރޭޝަންގެ ބޯޑު މެމްބަރު ރާފިލް މުހައްމަދު ވެސް ވަނީ އިއްޔެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ބައްސާމް އެމްއެމްޕީއާރުސީގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތުހުމަތުތަކެއްވެސް ކުރި އެވެ.
އެ ކުންފުނީގެ މުވައްޒަފަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ތުހުމަތު ކުރި ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށް އެ ދުވަސްވަރު އެމްއެމްޕީއާރުސީން ބުނެފައިވެ އެވެ. ނަމަވެސް, އެ ތުހުމަތުތައް ކުރެވުނީ ކޮން މުވައްޒަފަކާ ދެކޮޅަށް ކަމެއް އޭރު ހާމަނުކުރެ އެވެ.

އެ މައްސަލާގައި ކުންފުނީގެ މެނޭޖްމަންޓުން ފުރިހަމަ ތަހުގީގެއް ހިންގާފައި ނުވާތީ އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމަށް އަސަރުކޮށްފައިވާ ކަމަށް އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާދެއްވި ނޫރައިން އޭނާގެ އިސްތިއުފާގެ ސިޓީގައި ލިޔުއްވާފައިވެ އެވެ.
"ޑިރެކްޓަރުންގެ ބޯޑުގެ ލަފަޔާއި ގާނޫނީ ލަފާ ވެސް މެނޭޖުމަންޓުން ބަލައިގަނެފައި ނުވޭ. މިއަދާ ހަމައަށް ވެސް ޖިންސީ ފުރައްސާރައިގެ ތަހުގީގުގެ މަރުހަލާތަކާއި ތަހުގީގު ރިޕޯޓު ބޯޑް އޮފް ޑިރެކްޓަރުންނާ ހިއްސާކުރަން މެނޭޖުމަންޓުން ވަނީ ދެކޮޅު ހަދާފައި. މިކަމުގެ ސަބަބުން ސްޓާފުންގެ ރައްކާތެރިކަމާއި ސްޓާފުންގެ މެދުގައި އޮތް ރޫހަށް ވަނީ އަސަރުކޮށްފައި," ނޫރައިންގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.













