ހުޅަނގު މޫސުމުގެ ބާރު ގަދަވެ މޫސުން ވަރަށް ގޯސްވެފައިވާތީ، ކޮންމެ ކުރަން ޖެހިގެން ނޫނީ ކަނޑު ދަތުރު ނުކުރުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ، މި ދުވަސްވަރު ކުރަމުންދާ ވިއްސާރާގައި ކަނޑުތައް ވަރަށް ގަދަވެފައިވާތީ، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރަން އިލްތިމާސްކުރާ ކަމަށެވެ.
ފަޅު ރަށްރަށާއި ފިނޮޅު ފަދަ ތަންތަނަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް ވެސް ފުލުހުން މިއަދު ވަނީ އިލްތިމާސްކޮށްފަ އެވެ. ފުލުހުން މިފަދަ އިލްތިމާސްއެއް ނެރެފައިވާއިރު މާލެ ސަރަހައްދު ހިމެނޭހެން ޅ. އަތޮޅުން ވ. އަތޮޅާ ދެމެދަށް ނެރެފައިވާ އޮރެންޖު އިންޒާރު، މެޓް އޮފީހުން މިހާރު ވަނީ މިއަދު ހަވީރާ ހަމައަށް ދަންމާލައިފަ އެވެ.
އިންޒާރުގައި ވާގޮތުން މި ސަރަހައްދުތަކަށް ގަޑިއަކު 34 މޭލާއި 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރެ އެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
މީގެއިތުރުން ރާއްޖޭގެ އުތުރުގެ ރަށްތަކަށް މިހާރު ވަނީ ޔެލޯ އެލާޓެއްވެސް ނެރެ މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފަ އެވެ.

އޮރެންޖު އިންޒާރަކީ މޫސުން ގޯސްވުމުން ދޭ އިންޒާރުތަކުގެ ތެރެއިން ދެވަނައަށް އެންމެ މަތީ އިންޒާރެވެ. އެ އިންޒާރުން ބުނެދެނީ މޫސުމަށް ރައްކާތެރިވެ ތިބުމަށެވެ. އޮރެންޖު އިންޒާރަށް ފަހު ދެން ނެރޭނީ ނުރައްކާތެރިކަން އަންގައި ދިނުމަށް ނެރޭ ރަތް އިންޒާރެވެ.













