އަސްކަރީ މަތިންދާ ބޯޓާއި ހެލިކޮޕްޓަރު ދުއްވަން ދިވެހި ޕައިލެޓުން ތަމްރީނުކުރަން ތައްޔާރަށް ތިބި ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނި ހަބަރު އިއްޔެ ރިޕޯޓުކުރި އެވެ.
އިންޑިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރް ޖައިސްވާލް މިހެން ވިދާޅުވީ، އެ ވުޒާރާއިން ހަފުތާއަކު އެއްފަހަރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާއިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓުގެ މުސްތަގުބަލާ މެދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނޫސްވެރިޔާގެ ސުވާލަށް ދެއްވި ޖަވާބުގައި ޖައިސްވާލް ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމުދު ވެފައިވާ ދިފާއީ އެއްބަސްވުންތަކުގެ އެންމެ މުހިންމު ބައިތަކުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ގާބިލިއްޔަތު އިތުރުކުރުން ހިމެނޭ ކަމަށެވެ. އަދި ދިވެހި ސަރުކާރުން އެދިއްޖެ ނަމަ، ޕައިލެޓުން ތަމްރީނުކޮށްދޭން ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ކުރިން ވެސް [އިންޑިއާއިން] ވާނީ އަސްކަރީ ދާއިރާއިން [ދިވެހިން] ތަމްރީނުކޮށްދީފައި އަދި މުސްތަގުބަލުގައި ޕައިލެޓުން ތަމްރީންކޮށްދޭން އެދިއްޖެ ނަމަ، އަހަރަމެން މި ތިބީ އުފަލާއެކީ އެކަން ކުރަން ތައްޔާރަށް" ޖައިސްވާލް ވިދާޅުވި އެވެ.
އިންޑިއާ ސަރުކާރުން މިހެން ބުނި އިރު، ދެ ގައުމުގެ ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން މި މަހުގެ 10 ގެ ކުރިން ވައިގެ އުޅަނދުތައް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ވަނީ އަނބުރާ ގައުމަށް ގޮސްފަ އެވެ. ތިން ބެޗަކަށް ފުރުވަލި މި ސިފައިންގެ ބަދަލުގައި ގެނައީ އިންޑިއާ ސިފައިންނާ ގުޅުން ހުރި ހިންދުސްތާން އެރޮނޯޓިކްސް ލިމިޓެޑު ކުންފުނީގެ ޕައިލެޓުންނާއި ޓެކްނިކަލް މުވައްޒަފުންނެެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ވެސް ޑޯނިއާ ދުއްވަން އިންޑިއާއިން ދިވެހި ޕައިލެޓުން ތަމްރީނުކުރަން އުޅޭ ކަމަށް ބުންޏެވެ. އަދި 2021 ގައި، ހަތަރު ދިވެހި ސިފައިން އިންޑިއާގެ ނޭވަލް ސްކޫލަކުން ޑޯނިއާ ޕައިލެޓު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އޭރު ބުނެފައިވެ އެވެ.
އޭރު އެމްއެންޑީއެފްއިން މިހެން ބުނި ނަމަވެސް، އިންޑިއާ ސިފައިން ފަހު ބެޗު ދިޔަ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވަނީ ޑޯނިއާތަކާއި ހެލިކޮޕްޓަރުތައް ދުއްވުމުގެ ތަމްރީނުތައް ފުރިހަމަކޮށް ލައިސެންސް ލިބިފައިވާ އެންމެ ޕައިލެޓަކު ވެސް ސިފައިންގޭގައި މިހާރު ނެތް ކަމަށެވެ.











