ވައި ގަދަވެ ހާދިސާތައް ހިނގާތީ ރައްކާތެރި ފިޔަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން "އެކްސް" ގައި ކުރި ޕޯސްޓެއް ބުނީ މޫސުން ގޯސްވާއިރު ހިނގާފާނެ ހާދިސާއަކަށް ރައްކާތެރި ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށާއި، ހާދިސާތައް ހިނގުން ހުއްޓުވުމަށް ރައްކާތެރި ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް އެކެއްގައި އިމާރާތްކުރަމުންދާ އެޕޯލޯ ޓަވަރުގައި ޖަހާފައި ހުރި ފެންސްތަކެއް ވަޔާ ދާތީ އެ މަގު ބަންދުކޮށް، ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
ފުލުހުން އެކްސްއަށް ލާފައިވާ ވީޑިއޯއިން އިމާރާތެއް ހެދުމަށް ވަށައިގެން ޖަހާފައިވާ ފެންސްތައް ވަޔާއެކު ވެއްޓިފައިވާ މަންޒަރު ފެނެ އެވެ.
އެމްއެންޑީއެފް އާއި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިން ވެސް ވަނީ މޫސުން ގޯސްވާނެތީ ރައްކާތެރި ފިޔަވަޅު ދުރާލާ އެޅުމަށް އިލްތިމާސް ކޮށްފަ އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ވަނީ މިރޭ 12:00 ޖެހުމާ ހަމައަށް މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފަ އެވެ.
ގަޑިއަކު 19 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށާއި، އަދި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.












