ދަރިވަރުން ސްކޫލްތަކަށް ވައްދަން އެޑްމިޝަން ފޯމު ހުށަހެޅުމަށް އިތުރު ފުރުސަތެއް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހުޅުވާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މެއި 15، އިން ފެށިގެން މެއި 16، ގެ މެންދުރު 2:00 ޖެހުމާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ފުރުސަތު ލިބޭނީ މާލޭ ސަރަހައްދުގެ ސްކޫލްތަކަށް އަލަށް ދަރިވަރުން ވެއްދުމަށާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލު ކުރަން ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.
ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ފަރާތްތައް:
ސަރުކާރު ސްކޫލެއްގެ ފައުންޑޭޝަން ސްޓޭޖުގެ ކުލާހަކަށް ވައްދަން ބޭނުންވާ ދަރިވަރުން
- ގްރޭޑް އެކަކަށް އަލަށް ވައްދަން ބޭނުންވާ ދަރިވަރުން
- ޕްރައިވެޓު ސްކޫލަކުން ސަރުކާރު ސްކޫލަކަށް ބަދަލުވާން ބޭނުންވާ ދަރިވަރުން
- ރާއްޖެއިން ބޭރުގެ ގައުމެއްގައި އުޅެފައި ރާއްޖެއަށް ބަދަލުވެ، ސަރުކާރު ސްކޫލަކަށް ވަންނަން ބޭނުންވާ ދަރިވަރުން
މި އަހަރު މިހާތަނަށް ގްރޭޑް އެކަކަށް ވަނުމަށް ޖުމްލަ 1،992 ފޯމު ހުށަހަޅާފައިވާއިރު، ސްކޫލު ބަދަލު ކުރުމަށް ޖުމްލަ 1،158 ފޯމު ވަނީ ހުށަހަޅާފަ އެވެ. އަދި މާލެ އާއި އަތޮޅުތަކުން ޖުމްލަ 4،117 ފޯމު ވަނީ އެކި ގްރޭޑްތަކަށް ވަނުމަށް އެޑިއުކޭޝަނަށް ހުށަހަޅާފަ އެވެ.

މީގެ އިތުރުން އަތޮޅުތެރެއިން މާލޭގެ ސްކޫލްތަކަށް ވަނުމަށް ޖުމްލަ 967 ފޯމު ހުށަހަޅާފައިވާއިރު، 2023/2024 ގައި ސްކޫލްތަކަށް ވަނުމަށް 1،500 ފޯމު ހުށަހެޅި އެވެ.













