މިއަދު މާލޭގެ ބަނޑޭރިކޮށީގައި ހުންނަ ގެއަކުން މަރުވެފައިވާ އޮތްވާ ފެނުނު މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ގެއިން ފެނުނީ ގދ. ހޯޑެއްދޫ، ހައްމާދު ސައީދު، 30، އެވެ.
މިކަމާ ގުޅިގެން މި ނޫހަށް މައުލޫމާތު ދެއްވި ފުލުހުންގެ އޮފިޝަލު ވިދާޅުވި ގޮތުގައި ހައްމާދު މަރުވި ގޮތް ދެނެގަތުމަށް އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހެދުމަށް ފުލުހުން ނިންމީ އޭނާގެ މަރާ ގުޅިގެން ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ.
އަދި، ފުލުހުން މިހާރު ދަނީ ހައްމާދުގެ މަރުގެ މައްސަލަ ތަހުގީގުކުރަމުން ކަމަށްވެސް އެ ހިދުމަތުން މިރޭ ބުންޏެވެ.
މިއަދު ހަވީރު 5:30 ހާއިރު ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވި ގޮތުގައި ހައްމާދުގެ ހަށިގަނޑު ފުލުހުންނަށް ފެނުނީ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ގޮސް ބެލި ބެލުމުގެ ތެރޭގައި ކަމަށެވެ.

އޭރުށް ފެށިގެން ފުލުހުން ދަނީ އެ ގޭގައި ހަރަކާތްތެރިވަމުންނެވެ. ހައްމާދުގެ ހަށިގަނޑު ފުލުހުން ގެންގޮސްފައިވަނީ މިރޭ 7:30 ހާއިރު އެވެ. މައުލޫމާތު ލިބޭ ގޮތުގައި ފުލުހުންގެ ފޮރެންސިކް ޓީމަކުން މިހާރުވެސް ދަނީ އެ ގެ ބަންދުކޮށް ތަހުގީގު ކުރަމުންނެވެ.












