ހޯމް މިނިސްޓަރު އަލީ އިހުސާން ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް އެ ކޯޓުން ކުރި ތުހުމަތު އޭނާ މިއަދު ދޮގުކުރައްވައިފި އެވެ.
އިހްސާނާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ޗީފް ސުޕްރިޓެންޑެންޓް އަހުމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރު އަހުމަދު ވަހީދު އަދި ސަބްއިންސްޕެކްޓަރު މަމްދޫހް ހަސަން އެ ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ތުހުމަތުކުރީ އޭޕްރިލް 15، ގަ އެވެ.
ކޯޓުން އޭރު ބުނީ އިހުސާނާއި ފުލުހުންގެ އިސް ވެރިން ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު ގާޒީންގެ ކުއްލި މަޖިލީހުގައި އެޖެންޑާކޮށްފައިވާ ކަމަށް ވެސް އޭރު ބުންޏެވެ.
ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުގައިވާ އެޖެންސީތަކުން ކުރާ މަސައްކަތްތަކުގެ ތަފްސީލުދޭން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވި ގޮތުގައި އޭރު ދިމާވި ކަމަކީ ފުލުހުން ކުރި ތަހުގީގަކަށް ފަހު ދައުވާކުރި މައްސަލައެއްގައި ކުށް ސާބިތުނުވާ ކަމަށް ނިންމުމުން، އެ ތަހުގީގުގެ މައުލޫމާތު އާއްމުކުރުމެވެ.
އޭނާ ވިދާޅުވީ އެފަދަ މައުލޫމާތު އާއްމު ކުރުމަކީ ފުލުހުން ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ.

"އަަޅުގަނޑުމެން ޕްރޮސީޖަރަލީ ކުރަން ނިންމި ކަމެއް އެއީ ހާއްސަ ކޮށް ބޮޑެތި، ރައްޔިތުންގެ ތެރެއިން ގިނަ މީހުންގެ ކަންބޮޑުވުން އޮތް ބޮޑެތި މައްސަލަ ތަކުގައި އެގޮތަށް [ކުށް ސާބިތުނުވާ ކަމަށް ނިންމައިފި ކަމަށް ވަންޏާ] އަޅުގަނޑުމެން އެ މައްސަލާގައި ހިމެނޭ މައުލޫމާތުތައް ޕަބްލިކާ ހިއްސާކުރާނަމޭ،" އިހުސާން ވިދާޅުވި އެވެ.
ފުލުހުންނަކީ ވަކި މުއައްސަސާއެއް ކަމަށާއި ކޮންމެ މުއައްސަސާއަކުން ވެސް ރައްޔިތުންނަށް ޖަވާބުދާރީވާން ކަނޑައަޅާފައި ހުންނަ އުސޫލުތަކެއް ހުންނާނެ ކަމަށެވެ.
"އަޅުގަނޑުމެން އެއްވެސް ހާލެއްގައި، ފުލުހުން މައުލޫމާތުތައް ރައްޔިތުންނާ ހިއްސާކުރަނީ ކޯޓާ ޗެލެންޖްކުރާކަށް ނޫން، ފުލުހުންގެ މުއައްސަސާ ދުވަހަކު ވެސް ކޯޓަކާ ޗެލެންޖެއް ނުކުރާނެ. އަދި ދައުލަތުގެ އެހެން އެއްވެސް އިދާރާއަކުން ވެސް ނުކުރާނެ،" އިހުސާން ވިދާޅުވި އެވެ.
ހުރިހާ އިދާރާއަކުން ވެސް ކޯޓްތަކަށް އިހުތިރާމްކުރާނެ ކަމަށާއި އެހެން ނަމަވެސް ރައްޔިތުންނާ ހިއްސާކުރަން ޖެހޭ މައުލޫމާތު ހިއްސާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކްރިމިނަލް ކޯޓުން ބުނަނީ 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުނުވި މައްސަލައިގައި ފުލުހުން އޭޕްރީލް 4، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ވަރަށް ބޮޑަށް ކްރިމިނަލް ކޯޓަށް ފާޑުކިޔައިފަ އެވެ. އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ނަން ހާމަ ކުރުމަށްފަހު ވެސް ފުލުހުން ވަނީ އެ ބައްދަލުވުމުގައި ފާޑުކިޔައިފަ އެވެ.












