ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައެއް މުވައްޒަފުން ގައިގައި ތަޅައި މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އެމެރިކާގެ ފިރިހެން މީހާ ދޫކޮށްލީ ރާއްޖެއިން ފުރައިގެން ނުދެވޭ ގޮތަށް ރަށު ބަންދަށް ކަމަށް އެނގިއްޖެ އެވެ.
އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން، އެ ކޯޓުން އިއްޔެ އޭނާ ދޫކޮށްލީ ތިން ޝަރުތާއެކު ކަން "އަދަދު" ނޫހަށް ވަނީ ޔަގީން ކުރެވިފަ އެވެ. އެއިން ޝަރުތަކާ ހިލާފުވެއްޖެނަމަ އޭނާ އަލުން ބަންދަށް ގެންދާނެ އެވެ.
އެއީ ގާނޫނީ ކުށެއް ނުކުރުމާއި, ތަހުގީގަށް ބަޔާން ދިނުމަށް ފުލުހުންނަށް ހާޒިރުވުމާއި އަދި މާލެ ފިޔަވައި އިތުރު ތަނަކަށް ޝަރުތުގެ މުއްދަތުގައި ނުދިޔުމަށެވެ. ޝަރުތުގެ މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 30 ދުވަހެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ބިދޭސީ މީހާ ވަނީ އެއާޕޯޓުގައި މަސައްކަތްކުރާ ދެ މުވައްޒަފަކާ މާރާމާރީ ހިންގާފަ އެވެ.
ވީޑިއޯއިން ފެންނަނީ އެއާޕޯޓުގެ މުވައްޒަފަކު އޭނާއާ ވާހަކަ ދައްކަން އުޅުމުން ރުޅި އައިސްގެން ގޮށްމުށުން ޖަހާ މަންޒަރެވެ. އަދި ފަހުން އެހެން މުވައްޒަފަކު އެ ބިދޭސީ މީހާ ކޮށްޕާލުމުން އޭނާ ގައިގައި ވެސް ޖަހާތަން ފެނެ އެވެ.














