ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ކޮންމެ މަހަކު ދައުލަތުން ދޫކުރާ ފައިސާގެ ބޮޑު އިނާޔަތް ކަނޑާލަން ގޮވާލައި ސޯޝަލް މީޑިއާގައި ކުރާ ކެމްޕެއިން ވަރުގަދަވެ، އެ ބަދަލުތައް ގެނެސްދޭނެ ކަމަށް އާ އިންތިހާބީ ބައެއް މެންބަރުން ވައުދުވާން ފަށައިފި އެވެ.
މަޖިލިސް މެންބަރުންގެ ތެރެއިން އެއް ދައުރު އަދާކޮށްފައިވާ މެންބަރުންނަށް މަހަކު 18،000ރ. ގެ އިނާޔަތެއް ދެ އެވެ. ދެ ދައުރު އަދާކޮށްފައިވާ މެންބަރުންނަށް މަހަކު 27،000ރ. ގެ އިނާޔަތެއް ދައުލަތުން ދޫކުރެ އެވެ. އެއީ މަޖިލީހުގެ އިމްތިޔާޒުތަކުގެ ގާނޫނުގައި އެ ގޮތަށް ބަޔާންކޮށްފައި އޮންނާތީ އެވެ.
ކޮންމެ ފަހަރަކު މަޖިލިސް އާ ވެގެން ދާއިރު، ރައްޔިތުން އިންތިހާބުގައި ނޫނެކޭ ބުނެފައިވާ މެންބަރުންތަކަކަށް ވެސް ދައުލަތުން ކޮންމެ މަހަކު އާންމު މީހެއްގެ މަހު މުސާރައަށް ލިބޭ ވަރަށް ވުރެ ބޮޑު އަދަދެއް ހަރަދު ކުރުން ގިނަ ބަޔަކު ދެކުނީ ތަފާތުކުރުމެއް ގޮތަށެވެ.
މި ކެމްޕެއިނުގައި ބައިވެރިވާ އާންމުންނާއި ސޯޝަލް މީޑިއާ ހަރަކާތްތެރިން އަންނަނީ، އެ މީހުން އިންތިހާބުކުރި ދާއިރާގެ މެންބަރު ޓެގްކޮށް އެ މެންބަރުގެ ހިޔާލު ހިއްސާކުރުމަށް ގޮވާލަމުންނެވެ. އެ ގޮތުން ބައެއް އިންތިހާބީ މެންބަރުން ވަނީ އެ ބަދަލަށް ތާއީދުކުރައްވައި އެކްސްގައި ޕޯސްޓް ކުރައްވައިފަ އެވެ.
އެންމެ ފުރަތަމަ އެ ވިސްނުމަށް ތާއީދުކޮށް ޓުވީޓެއް ކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ޝަމްހީދެވެ. ރާއްޖޭގެ ނޫހެއްގައި ކެމްޕެއިން ހިނގާކަން ޝާއިއުކޮށްފައިވާ ހަބަރެއްގެ ލިންކް ހިއްސާކުރައްވަމުން ލިޔުއްވީ "ރަނގަޅު ވިސްނުމެއް" ކަމަށެވެ.

އަށާރަވަނަ މަޖިލީހުގައި ވެސް ބާރަށު ދާއިރާ ތަމްސީލް ކުރެއްވުމަށް ފަހު، އަލުން 20 ވަނަ މަޖިލީހަށް އެ ދާއިރާގެ މެންބަރަކަށް އިންތިހާބުވި އިބްރާހިމް ޝުޖާއު ހިއްސާކުރެއްވީ ސަޕޯޓަރަކު ޕޯސްޓްކޮށްފައިވާ، މަޖިލިސް އިންތިހާބުގެ ބަހުސްގައި އޭނާ ދައްކަވާފައިވާ ވާހަކަ އެވެ.
ބަހުސްގައި ޝުޖާއު ވިދާޅުވަމުން ގެންދެވީ އެންމެ ދައުރެއް އަދާކުރާ މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު އިނާޔަތް ދިނުމާއި އިންޝުއަރެންސް ކަނޑާލައި އާންމު ރައްޔިތުންނާ އެއް ހަމައަކުން ސިއްހީ ފަރުވާގެ ހިދުމަތްތައް ދޭން ޖެހޭ ގޮތަށް ބަދަލު ކުރަން ވަކާލާތު ކުރައްވާނެ ކަމަށެވެ.
އެ ވީޑިއޯއާ އެކީ، ޝުޖާއު ލިޔުއްވީ އޭނާ ތާއީދުކުރައްވަނީ ކުރީގެ ރައީސުންނާއި ކުރީގެ ފަނޑިޔާރުންނަށް ދެމުންދާ އިނާޔަތް ވެސް ކުޑަކޮށް ކުރީގެ ރައީސުންނާއި ކުރީގެ ފަނޑިޔާރުންގެ އިތުރުން މަޖިލީހުގެ ކުރީގެ މެންބަރުންނަށް އެއް ހަމައެއްގެ އިނާޔަތެއް ކަނޑައެޅަން ކަމަށެވެ.
"މި ކަމަށް ހެޔޮ ނިޔަތުގައި ވަކާލާތު ކުރައްވާ ހުރިހާ ފަރާތްތަކުން މި ތިން މަގާމު އަދާކޮށްފައިވާ ފަރާތްތަކަން ލިބޭ އިނާޔަތްތައް އުނި ކުރުމަށް އަޑު އުފުލުމަކީ އެކަމުގެ ހެޔޮ ނިޔަތް އޮތްކަން ހާމަވާނޭ ކަމެއްކަމުގައި އަޅުގަނޑު ދެކެން،" މި ފަހަރުގެ އިންތިހާބުގައި އެންމެ ބޮޑު ތާއީދެއް ލިބުނު ޝުޖާއު ވިދާޅުވި އެވެ.
ގަލޮޅު އުތުރު ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، ދާއިރާގެ މީހަކު ކުރި ޕޯސްޓަކަށް ދެއްވި ޖަވާބެއްގައި ވިދާޅުވީ ކޮންމެ މަހަކު ދޭ ފައިސާގެ އިނާޔަތުގެ އިތުރުން ކުރީގެ މެންބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް އޮތުމަށާއި އިންޝުއަރަންސް ދިނުން ވެސް ހުއްޓުމަކަށް ގެންނަން ޖެހޭ ކަމަށެވެ.
މި ފަހަރުގެ އެންމެ ޒުވާން އިންތިހާބީ މެންބަރު، މުހައްމަދު އަލްސަން އަހުމަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ މެންބަރުންނަށް ދޭ އިނާޔަތްތައް އުވާލުމަކީ މަޖިލީހުގައި އެންމެ އިސްކަމެއް ދީގެން އޭނާ ކުރައްވާނެ މަސައްކަތެއް ކަމަށެވެ.
"މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭ އިނާޔަތަކީ ދައުލަތުން ކުރާ ބޭކާރު ހަރަދަކަށްވުމުން އެ އިނާޔަތް އުވާލުމުގެ މަސައްކަތަކީ އަޅުގަނޑުގެ މަޖިލީހުގެ ދައުރުގައި އެންމެ އިސްކަމެއް ދީގެން ވަކާލާތު ކުރާނެ އެއް މަސައްކަތް،" އަމިއްލަ ގޮތުން ވާދަކޮށް ތިނަދޫ ދެކުނު ދާއިރާއަށް އިންތިހާބުވި އަލްސަން ވިދާޅުވި އެވެ.
ފުނަދޫ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ) ވެސް ދާއިރާ މީހަކު ކުރި ޕޯސްޓަކަށް ދެއްވި ރެޕްލައިއެއްގައި ވިދާޅުވީ ކުރީގެ މެންބަރުންގެ އިނާޔަތްތައް ކަނޑާލުމުގެ އިތުރަށް، މެންބަރުންގެ މުސާރަ ވެސް މެންބަރުން އަމިއްލައަށް ނިންމުން ހުއްޓުމަކަށް ގެންނަން ޖެހޭ ކަމަށެވެ.
"މެންބަރުންގެ މުސާރައާއި އިނާޔަތްތައް ރައްޔިތުންނާ އެއް ހަމަ ކުރަން ޖެހޭ، އެ ކަމުގެ ބާރު މަޖިލީސް އަތް މަތިން ނަގަން ޖެހޭ ކަމަށް ގަބޫލު ކުރަން،" މަމްދޫހު ލިޔުއްވާފައިވެ އެވެ.
އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ހިއްސާ ކުރެއްވީ، ދާއިރާގެ މީހުނާ އެކު ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި އޭނާ ދެއްކެވި ވާހަކައެއްގެ ވީޑިއޯ އެވެ. އޭނާ ވިދާޅުވީ ކުރީގެ މެންބަރުންނަށް ދޫކުރާ އިނާޔަތާއި ހާއްސަ މެޑިކަލް ސާވިސަސް ދިނުމަށް ދެކޮޅު ކަމަށެވެ.
titledesc












