މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 9:00 އާ ހަމައަށް 24،000 އަށް ވުރެ ގިނަ މީހުން ވޯޓުލައިފި އެވެ.
އިލެކްޝަން ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުން ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން 8:00 ގައި ފެށުމާއެކު، ފުރަތަމަ އެއްގަޑިއިރު ތެރޭގައި ޖުމްލަ 24،703 މީހުން ވަނީ ވޯޓުލާފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ 7،803 އަންހެނުންނާއި 16،900 ފިރިހެނުންނެވެ. މިއީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ 8.68 ޕަސެންޓު މީހުންނެވެ.
ވިހި ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދާނި ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30 ގެ ނިޔަލަށެވެ.
މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާއިރު، އެ ދާއިރާތަކަށް ޕާޓީތަކުން އަދި އަމިއްލަ ގޮތުން 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.

މިއަދުގެ އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓަ އެވެ. މާލެ ސަރަހައްދުގައި 241 ފޮށި އަދި ރިސޯޓުތަކުގައި 34 ވޯޓު ފޮށި ބަހައްޓަ އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 284،663 މީހުންނަށެވެ.












