މާދަމާ ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު، ވޯޓުލާ މަރުކަޒުތަކުގައި ގާނޫނާ ހިލާފު ކަންކަން ކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
މާދާގެ އިންތިހާބާ ބެހޭ ގޮތުން "އަދަދު" އާ ވާހަކަ ދައްކަވަމުން އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، މިފަހަރުގެ އިންތިހާބުގައި ވެސް ގާނޫނާ ހިލާފު އެއްވެސް ކަމެއް ކުރާ މީހަކު ފާހަގަވެއްޖެނަމަ އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށެވެ.
ހާއްސަކޮށް އިންތިހާބީ މަރުކަޒުތަކުގައި، އިންތިހާބުތަކާ ބެހޭ ގާނޫނާ ހިލާފަށް މަންޒަރު ރެކޯޑު ކުރުމާއި ފޯނު ބޭނުންކުރުން އަދި އިންތިހާބުގައި ބޭނުންކުރާ ތަކެއްޗަށް ގެއްލުން ދިނުން ކަހަލަ ގާނޫނާ ހިލާފު ކަންކަން ޒަކަރިއްޔާ ވަނީ ފާހަގަކުރައްވާފަ އެވެ.
"ގާނޫނާ ހިލާފު އަމަލު ހިންގާ މީހުން ދުލެއް ނުކުރާނެ، އެމީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ، ދައުވާ ކުރާނެ،" ޒަކަރިއްޔާ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ފޮށި ފަޅާލުމާއި ފޮޓޯ ނެގުންފަދަ ކަންކަން ކުރި މީހުންނަށް ގާނޫނީ ފިޔަވަޅު އެޅި ބައެއް މީހުންގެ މައްޗަށް ދައުވާ ކުރުމަށްވެސް މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެދުނު 8:00 އިން 5:30 އަށެވެ. މި އިންތިހާބުގެ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރާނެ އެވެ.












