ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ކުރާ އެންޓި-ކެމްޕެއިނުގެ މައްސަލަތައް ރިޕޯޓުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާއްސަ ނަމްބަރެއް ތައާރަފުކޮށްފި އެވެ.
އީސީއިން އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މަޖިލިސް އިންތިހާބާ ގުޅިގެން އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަމެއް އަންނަ ފަދަ ކަމެއް ނުވަތަ އެންޓި-ކެމްޕެއިނުގެ އަމަލުތައް މިހާރު ރިޕޯޓުކުރެވޭނެ ކަމަށެވެ.
އެންޓި ކެމްޕެއިނުގެ ފާހަގަކުރެއްވިއްޖެ ނަމަ ފޮޓޯ އަދި ވީޑިއޯއާއި އެކު 7962129 އަށް ވަޓްސްއެޕް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އެވެ.
އެންޓި-ކެމްޕެއިނުގެ ބައެއް މައްސަލަތައް ކޮމިޝަނުން މިހާރު ވެސް ދަނީ ބަލަމުންނެވެ. އެގޮތުން އެންޓި-ކެމްޕެއިނުކޮށްފައި ހުރި ޕޯސްޓަރުތަކަކާއި ބެނާތަކެއް ހަރުކޮށްފައި ހުރި މައްސަލަތަކެއް އެ ކޮމިޝަނުން ބަލަމުން އެބަ ދެ އެވެ.
އަންނަ އާދީއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް ޖުމުލަ 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރާ 130 ކެންޑިޑޭޓުންނާއި ހަތް ސިޔާސީ ޕާޓީއަކުން ވާދަކުރާ 22 އަންހެނުން އަދި 216 ފިރިހެން ކެންޑިޑޭޓުންނެވެ.

އިންތިހާބުގެ ވޯޓުލުން އޮންނާނީ ހެނދުނު 08:00 އިން ފެށިގެން ހަވީރު 5:30 އާ ހަމައަށެވެ.













