މާލޭގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، ފެން ހިނދި އާންމު ހާލަތަށް އަންނަންދެން މަގުތަކަށް ކުނި ނުނެރުމަށާއި، ބަރު އުޅަނދު ނުދުއްވަން ފުލުހުން އެދިއްޖެ އެވެ.
ފުލުހުން ބުނީ މާލޭގެ މަގުތަކުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުންދާތީ، އާންމު ހާލަތަށް މަގުތައް އަންނަންދެން ބަރު އުޅަނދު ނުނެރުމަށާއި، މަގުތަކަށް ކުނި ނުނެރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް (އެންޑީއެމްއޭ) އިން ބުނީ މިހާތަނަށް މާލެއިން ފެންބޮޑުވެގެން 85 ތަނަކުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން އުޅެން ދަތިވާވަރަށް ފެންބޮޑުވެފައިވާ ހަތް ތަނެއްގެ ރެޕިޑް އެސެސްމަންޓް ހެދުން މޯލްޑިވްސް ނެޝަނަލް ރެޑްކްރޮސެންޓްގެ އެހީތެރިކަމާއެކު ކުރިއަށްދާ ކަމަށް އެންޑީއެމްއޭއިން ބުނެ އެވެ.
އޭގެއިތުރުން މިހާތަނަށް 41 ގެއެއްގައި 241 ބަސްތާ ޖެހިފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެ އެވެ

އެމްއެންޑީއެފްއިން ބުނީ މާލޭގައި ފެން ހިންދުމުގެ މަސައްކަތް ކުރަން 8 ސަރަހައްދެއްގައި 14 ޕަންޕު ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުން ކަމަށެވެ. .












