ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިހައިތަނަށް ހުށަހެޅީ 41 މައްސަލަ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އީސީގެ މެމްބަރު އަދި ތަރުޖަމާން ހަސަން ޒަކަރިއްޔާ "އަދަދު" އަށް ވިދާޅުވީ މަޖިލިސް އިންތިހާބާ ގުޅިގެން މިހައިތަނަށް އެ ކޮމިޝަނަށް ހުށަހެޅިފައިވާ 41 މައްސަލައިގެ ތެރެއިން 38 މައްސަލަ ބަލައި ނިންމާފައިވާ ކަމަށާއި، ތިން މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.
އީސީއަށް މިހައިތަނަށް ހުށަހަޅައިފައި ހުރީ ކެމްޕެއިން ކުރުމާ ގުޅޭ މައްސަލަތަކާއި އިންތިހާބީ މުވައްޒަފުންނާ ގުޅޭ މައްސަލަތައް، ވޯޓުލުމުގެ ހައްގާ ގުޅޭ މައްސަލަތައް، ރަޖިސްޓްރޭޝަންއާއި ގުޅޭ މައްސަލަތައް އަދި ކެންޑިޑޭންސީއާ ގުޅޭ މައްސަލަތައް ކަމަށް ހަސަން ވިދާޅުވި އެވެ.
ކޮންޕްލެއިންސް ބިއުރޯއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފްސީލް:
- ކެމްޕޭން ކުުރުމުގެ މައްސަލަ: ހުށަހެޅިފައިވާ ފަސް މައްސަލައިގެ ތެރެއިން ހަތަރު މައްސަލަ ނިންމައި، އެއް މައްސަލަ ބަލަމުންދަނީ.
- އިންތިހާބީ މުވައްޒަފުންނާ ގުޅޭ މައްސަލަ: ދެ މައްސަލައެއް ހުށަހެޅި އެއް މައްސަލަ ބަލަމުންދަނީ.
- ވޯޓުލުމުގެ ހައްގާއި ގުޅޭ މައްސަލަ: ހުށަހަޅާފައިވާ 26 މައްސަލައިގެ ތެރެއިން 25 މައްސަލަ ނިންމައި، އެއް މައްސަލަ ބަލަމުންދަނީ.
- ރަޖިސްޓްރޭޝަންއާ ގުޅޭ މައްސަލަ: ހުށަހަޅާފައިވާ ހަތަރު މައްސަލަ ވެސް ބަލާ ނިމިފައި.
- ކެންޑިޑެންސީއާ ގުޅޭ މައްސަލަ: ހުށަހަޅާފައިވާ ފަސް މައްސަލަ ވެސް ބަލާ ނިމިފައި.
މަޖިލިސް އިންތިހާބާ ގުޅޭ ގިނަ ޝަކުވާތަކެއް އީސީއަށް ހުށަހަޅާފައިވާއިރު، އެ ކޮމިޝަނުން ވަނީ އިންތިހާބާ ގުޅޭ މައްސަލަތައް ކޮންޕްލެއިންސް ބިއުރޯއަށް ހުށަހެޅުމަށް އެދިފަ އެވެ.












