އެމަނިކުފާނުގެ އެންގެވުމަށް ނޫން ގޮތަކަށް އެސްއޯ ފުލުހުން ތަނަކަށް ނުފޮނުވަން އަންގަވާފައި އޮއްވައި ޕީއެންއެފްގެ ޖަލްސާ ހުއްޓުވަން ފުލުހުން ރަޔަޓް ގިޔަރުގައި ދިޔަ މައްސަލައިގެ ތަހުގީގު ރިޕޯޓު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތުމުން ރިޕޯޓު ދިރާސާ ކުރަން ފަށައިފި އެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ އެ ރިޕޯޓު ދިރާސާ ކުރުމަށްފަހު ރައީސްއަށް ބޭނުންވެވަޑައިގަންނަވާ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ. ރައީސް މުއިއްޒު އެމަނިކުފާނުގެ ހޯމް މިނިސްޓަރު އަލީ އިހުސާނަށް އަމުރު ކުރެއްވީ މިއަދު އިރުއޮއްސުމުގެ ކުރިން ރިޕޯޓު ހަވާލު ކުރުމަށެވެ.
"ރޭގައި ގިޔާސުއްދީން ސްކޫލްގައި އެސްއޯ ފުލުހުން ހަރަކާތްތެރިވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާ ތަހުގީގު ރިޕޯޓް އެމަނިކުފާނަށް މިހާރު ވަނީ ލިބިވަޑައިގެންފައި. މި ރިޕޯޓް ދިރާސާކުރައްވައި، އަޅުއްވަވަން ފެނިވަޑައިގަންނަވާ ފިޔަވަޅުތައް އަޅުއްވަވަމުން ގެންދަވާނެ،" މި ނޫހަށް ފޮނުވި މެސެޖެއްގައި ހަލީލް ވިދާޅުވި އެވެ.
ބައެއް މީޑިއާތަކަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ހުއްޓުވަން އެސްއޯ ފުލުހުން ގިޔާސުއްދީން ސްކޫލަށް ދިޔައީ، އެމަނިކުފާނަށް ނާންގަވަނީސް އެސްއޯ ފުލުހުން އެއްވެސް ތަނަކަށް ނުދިޔުމަށް ސާފުކޮށް އަންގަވާފައި އޮއްވައި ކަމަށެވެ. އެކަމަކު، ހާދިސާއަށްފަހު ވެސް ހޯމް މިނިސްޓަރު އިހުސާން އަދި ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު ވެސް އެމަނިކުފާނަށް އެކަން ނާންގަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އިވެންޓު ނިމިގެން އަޅުގަނޑަށް މައުލޫމާތު ލިބުނީ އަދި ނޫހުން އަޅުގަނޑަށް ފޮޓޯ މި ފެނުނީ އެސްއޯ ފުލުހުން ގޮސްފަ އެތަނުގަ ބެރިކޭޑް ޖަހާ ދެން އެކި ކަންތައްތައް ހިންގި ތަން. އެއީ ވަރަށް ހިތާމަ ކުރާކަމެއް އަޅުގަނޑުގެ ވަރަށް ސާފު އިންސްޓްރަކްޝަން އޮތް ކަމެއްގައި އެހެން ދިޔައީމަ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިއަދު ވިދާޅުވީ އެ މައްސަލައިގައި އެމަނިކުފާނު ރޭ ހުންނެވީ ހޭލައި ކަމަށާއި ނިދި ކުރައްވާނީ ތަހުގީގު ރިޕޯޓު ލިބި މައްސަލަ ހައްލު ކުރައްވައިފަ ކަމަށެވެ.
"... އެތައް ހިތާމަވެރިކަމެއް ހިނގި ބިކޯޒް އަޅުގަނޑު ބޭނުން ނުވި ކަމެއް އަނެއްކާ ކަނޑައެޅިގެން ނުކުރަން ބުނެފަ އޮތް ކަމެއް ކުރީމަ. އެހެންވީމާ އެކަމާ ހެދި އަޅުގަނޑު ހަގީގަތުގައި ވެސް ރޭގެ ނުވެސް ނިދުނު. އަދި މި ހުރީ ހަމަ އެކަމާ ވިސްނާ ވިސްނާ. އަޅުގަނޑަށް މި ރިޕޯޓު ލިބި މިކަމުގެ އަޑިއަށް ދެވި މިކަން ހައްލުވަންދެން އަޅުގަނޑަކަށް ހިއެއް ނުވޭ އަޅުގަނޑަށް ނިންޖެއް ލިބޭނެހެނެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެސްއޯ ފުލުހުން ފޮނުވަންޖެހޭ ހާލަތުގައި އެމަނިކުފާނު ސީދާ އެކަން ކުރަން އަންގަވާނެ ކަމަށް ފުލުހުންނަށް އިރުޝާދު ދީފައިވާނެ ކަމަށެވެ.
"އެހެން އޮއްވައި ރޭގަ މި ފެނުނީ ވަރަށް ގޯސްކޮށް. އަޅުގަނޑު ވަރަށް ކްލިއާ އިންސްޓްރަކްޝަން ދީފަ އޮންނާނީ އެއްގޮތަކަށް ވެސް ނުވާނެއޭ އެސްއޯ ފުލުހުން ފޮނުވައިގެނެއް، އެއްގޮތަކަށް ވެސް ނުވާނެއޭ. ފޮނުވަންޖެހިއްޖެޔާ އަޅުގަނޑަށް އެނގޭނެއޭ މި ގައުމުގައި އެ ހިސާބަށް ދިޔައީމަ، އަޅުގަނޑު ދަންނަވާނަމޭ އެވަރުގެ ކަމެއް ކުރަންޖެހިއްޖެއްޔާ،" ރައީސް ވިދާޅުވި އެވެ.
ރައީސް އެހެން ވިދާޅުވި ނަމަވެސް ރޭ ގިޔާސުއްދީން ސްކޫލަސް ފުލުހުން ފޮނުވީ ސީދާ ރައީސް އަންގަވައިގެން ކަމަށް ޕީއެންއެފްގެ އިސް ވެރިން ބުނެ އެވެ. އެކަން އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވަނީ "ޑެމޭޖް ކޮންޓްރޯލް" ކުރަން ކަމަށް ވެސް ޕީއެންއެފް އިން ބުނެ އެވެ.













