ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓު އުފެއްދުމުގެ ޖަލްސާއަށް ފުލުހުން ރޭ ހުރަސް އެޅީ އެމަނިކުފާނުގެ އެންގެވުމާ ކަނޑައެޅިގެން ހިލާފަށް ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ގޮތުން ތަހުގީގެއް ހިންގައި މިއަދު އިރުއޮއްސުމުގެ ކުރިން ރިޕޯޓެއް އެމަނިކުފާނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
ޕީއެންއެފް ޖަލްސާއަށް ފުލުހުން ހުރަސް އެޅީ ޖަލްސާ ހުއްޓުވައި ސްކޫލް ހިމާޔަތް ކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައި އޮތުމުން ކަަމށް ފުލުހުން ބުނެ އެވެ. އެކަމަކު މިއަދު މީޑިއާއާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސީ ކަމެއްގައި އެސްއޯ ފުލުހުން ނުފޮނުވަން، ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއަށް އެތައް ފަހަރަކު އަންގާފައިވާނެ ކަމަށެވެ.
"ދެން އަޅުގަނޑު ގުޅީ ސީޕީއަށް. އަޅުގަނޑު ދެންނެވިން ކީއްވެހޭ މިކަން މިވީ. އަޅުގަނޑު ކްލިއާ އިންސްޓްރަކްޝަން ދީފަ އޮތް ކަމެއްގަ. އަޅުގަނޑު ބޭނުމޭ މިކަން އިންވެސްޓިގޭޓް ކުރެވެން، ކާކު ކޮން ގޮތަކަށް ދިން އިރުޝާދަކަށް ކިހިނެއް ހިނގި ކަމެއްތޯ. ހޯމް މިނިސްޓަރަށް ވެސް އޮންނާނީ ދަންނަވާފަ މިރޭ އިރުއޮއްސުމުގެ ކުރިން އަޅުގަނޑަށް ލިބެންޖެހޭނެއޭ އިންވެސްޓިގޭޝަން ހަދާފައި ރިޕޯޓެއް،" ރައީސް ވިދާޅުވި އެވެ.
ޕީއެންއެފްގެ ޖަލްސާ ބާއްވަން އުޅުނީ ގިޔާސުއްދީން ސްކޫލްގަ އެވެ. ނަމަވެސް އެ ސްކޫލުން ފަހުން ބުނީ ޖަލްސާ ނުބޭއްވޭނެ ކަމަށެވެ. ނަމަވެސް ޕީއެންއެފް އިން ޖަލްސާ ކުރިއަށް ގެންދަން އުޅުމުން ފުލުހުން ރަޔަޓް ގިޔަރުގައި އެތަނަށް ގޮސް ޕެޕާ ސްޕްރޭ ވެސް ޖެހި އެވެ. ހައިޖާނުގަނޑުގެ ތެރޭގައި ފުލުހަކު ވެސް މީހުންގެ ތެރެއަށް ވެއްޓުނެވެ.
"... އެތައް ހިތާމަވެރިކަމެއް ހިނގި ބިކޯޒް އަޅުގަނޑު ބޭނުން ނުވި ކަމެއް އަނެއްކާ ކަނޑައެޅިގެން ނުކުރަން ބުނެފަ އޮތް ކަމެއް ކުރީމަ. އެހެންވީމާ އެކަމާ ހެދި އަޅުގަނޑު ހަގީގަތުގައި ވެސް ރޭގެ ނުވެސް ނިދުނު. އަދި މި ހުރީ ހަމަ އެކަމާ ވިސްނާ ވިސްނާ. އަޅުގަނޑަށް މި ރިޕޯޓު ލިބި މިކަމުގެ އަޑިއަށް ދެވި މިކަން ހައްލުވަންދެން އަޅުގަނޑަކަށް ހިއެއް ނުވޭ އަޅުގަނޑަށް ނިންޖެއް ލިބޭނެހެނެއް،" ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެސްއޯ ފުލުހުން ނުވަތަ ސްޕެޝަލް އޮޕަރޭޝަންސް ފުލުހުން ރޭ ގިޔާސުއްދީނަށް ދިޔައީ އެފަދަ ކަމެއް ނުކުރަން ތަކުރާރުކޮށް ވަރަށް ސާފުކޮށް އަންގާފައި އޮއްވައި ކަމަށެވެ. ސަރުކާރުގެ އެހެން ފަރާތަކުން އެފަދަ އިރުޝާދެއް އައިސްފިއްޔާ ފިޔަވަޅު އަޅާނެ ވާހަކަ ވެސް ފުލުހުންނަށް އަންގާފައި އޮންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ރޭގަ ހިނގި ކަންތަކުގަ އަޅުގަނޑު ވަރަށް ހިތާމަ ކުރަން. އަޅުގަނޑު ފުލުހުންނާ ބައްދަލު ކުރިން ވަރަށް ފަހުން. އެރޭ އެ ވާހަކަ ވެސް އަޅުގަނޑު ޖަލްސާގައި ވާނީ ދައްކާފަ. އެރޭ އަޅުގަނޑު ހުރިހާ ފުލުހުންނަށް ވެސް ދެންނެވިން އަދި އޭގެ ކުރިން ވެސް ސީޕީއަށް ވެސް އިސް ބޭފުޅުންނަށް ވެސް އަދި ހޯމް މިނިސްޓަރަށް ވެސް އަޅުގަނޑު ދީފައި އޮތް އިރުޝާދަކީ ސިޔާސީ އެއްވެސް ކަހަލަ އިންސްޓްރަކްޝަނެއް، ސިޔާސީ ގޮތުން އެއްވެސް މީހަކު ގޯނާއެއް ކުރާކަށް، އުނދަގުލެއް ކުރާކަށް، އަޅުގަނޑުގެ ފަރާތަކުން ނާންނާނެއޭ އެއްވެސް އިންސްޓްރަކްޝަނެއް. އަދި ސަރުކާރުގެ އެއްވެސް ލެވެލަކުން ނުދާނެއޭ ގޮސްފިއްޔާ އެއީ އަޅުގަނޑު ވެސް އެކަމަށް ފިޔަވަޅު އަޅާނެ ކަމެކޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެސްއޯ ފުލުހުން ފޮނުވަންޖެހޭ ހާލަތުގައި އެމަނިކުފާނު ސީދާ އެކަން ކުރަން އަންގަވާނެ ކަމަށް ފުލުހުންނަށް އިރުޝާދު ދީފައިވާނެ ކަމަށެވެ.
"އެހެން އޮއްވައި ރޭގަ މި ފެނުނީ ވަރަށް ގޯސްކޮށް. އަޅުގަނޑު ވަރަށް ކްލިއާ އިންސްޓްރަކްޝަން ދީފަ އޮންނާނީ އެއްގޮތަކަށް ވެސް ނުވާނެއޭ އެސްއޯ ފުލުހުން ފޮނުވައިގެނެއް، އެއްގޮތަކަށް ވެސް ނުވާނެއޭ. ފޮނުވަންޖެހިއްޖެޔާ އަޅުގަނޑަށް އެނގޭނެއޭ މި ގައުމުގައި އެ ހިސާބަށް ދިޔައީމަ، އަޅުގަނޑު ދަންނަވާނަމޭ އެވަރުގެ ކަމެއް ކުރަންޖެހިއްޖެއްޔާ،" ރައީސް ވިދާޅުވި އެވެ.
ޕީއެންއެފްގެ ޖަލްސާއަށް ފުލުހުން ހުރަސް އެޅިއިރު ރައީސް ހުންނެވީ ކެމްޕެއިން އިވެންޓެއްގަ އެވެ. އެސްއޯ ފުލުހުން ނުފޮނުވަން އަންގަވާފައި އޮތް ނަމަވެސް ގިޔާސުއްދީނަށް ފުލުހުން ގޮސް ހިނގި ކަންތައްތަކުގެ މައުލޫމާތު ފުލުހުން އަދި ހޯމް މިނިސްޓަރު ވެސް އެމަނިކުފާނަށް ނާންގާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އިވެންޓު ނިމިގެން އަޅުގަނޑަށް މައުލޫމާތު ލިބުނީ އަދި ނޫހުން އަޅުގަނޑަށް ފޮޓޯ މި ފެނުނީ އެސްއޯ ފުލުހުން ގޮސްފަ އެތަނުގަ ބެރިކޭޑް ޖަހާ ދެން އެކި ކަންތައްތައް ހިންގި ތަން. އެއީ ވަރަށް ހިތާމަ ކުރާކަމެއް އަޅުގަނޑުގެ ވަރަށް ސާފު އިންސްޓްރަކްޝަން އޮތް ކަމެއްގައި އެހެން ދިޔައީމަ،" ރައީސް ވިދާޅުވި އެވެ.
އެ މައްސަލައިގައި އެމަނިކުފާނު ވަގުތުން ހޯމް މިނިސްޓަރު އިހުސާނަށް ވެސް ގުޅުއްވިން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ވަގުތުން އެކަމަށް އެޓެންޑުވިން. އަޅުގަނޑު ހޯމް މިނިސްޓަރަށް ދެންނެވިން ގުޅާފަ ކިހިނެއްހޭ މިކަން ހިނގީ އަޅުގަނޑު ކްލިއާ އިންސްޓްރަކްޝަން ދީފަ އޮއްވާ. ދެން މިނިސްޓަރު ވިދާޅުވީ ތިމަންނަ ވެސް އޮންނާނީ ސީޕީއަށް އެކަން ދަންނަވާފައޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ނުކުރަން އަންގަވާފައި އޮތް ކަމެއް ފުލުހުން ކުރި ނަމަވެސް އެކަން ކުރެއްވީ ގަސްދުގައި ކަން ގަބޫލު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު އެއްވެސް މީހަކަށް އެކިއުޒްއެއް ނުކުރަން. އަޅުގަނޑު އެޕޮއިންޓްކޮށްފަ އޮތް މީހަކު ގަސްދުގަ އެކަހަލަ ކަމެއް ކުރާނެކަން ގަބޫލެއް ވެސް ނުކުރަން،" ރައީސް ވިދާޅުވި އެވެ. "އަޅަންޖެހޭ ފިޔަވަޅެއް އަޅާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މައްސަލައިގައި ފިޔަވަޅު އަޅުއްވައި، ރައްޔިތުންގެ އިތުބާރު ފުލުހުންގެ މުއައްސަސާއަށް އަދި ސަރުކާރަށް ހޯދަން އެމަނިކުފާނު ބޭނުންވާ ކަމަށެވެ.
"އަޅުގަނޑު މިއަދު އިންވެސްޓިގޭޝަން ރިޕޯޓު ހޯދާފަ މިކަން ކުރި ބަޔަކަށް އަޅަންޖެހޭ ފިޔަވަޅު އަޅާނަން. އަޅުގަނޑު ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު އަނބުރާ ގެންނަން ބޭނުން. އަޅުގަނޑުގެ ސަރުކާރަށް އިތުބާރު އޮންނަން ބޭނުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުން ހިންގާ ތަހުގީގަށް ފުލުހުން އެއްބާރުލުން ދޭނެ ކަމަށް މިއަދު ފުލުހުން ބުންޏެވެ. ނަމަވެސް ތަހުގީގު ކުރިއަށްދާތީ ރައީސްގެ އެންގުމާ ހިލާފުވި ސަބަބެއް މިހާރު ހާމަ ކުރެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ޖަލްސާއަށް ހުރަސް އެޅުމުން ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ރޭ ބޭއްވީ ރާޅުގަނޑު ސަރަހައްދުގަ އެވެ. އެ ޕާޓީގެ ވަގުތީ ރައީސްއަކަށް އައްޔަން ކުރީ ޔާމީންގެ ދަރިކަލުން ޒެއިން ޔާމީން އެވެ.













