އިންޑިއާއިން ރާއްޖެއަށް ދޭ އަސާސީ މުދަލުގެ ކޯޓާ އިތުރަން އެ ގައުމުން ނިންމުމާއެކު ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެ ގައުމަށް ޝުކުރު ދަންނަވާ ސޯޝަލް މީޑިއާގައި ޕޯސްޓު ކުރެއްވުމާއެކު ގިނަ ބަޔަކު ފާޑުކިޔައިފި އެވެ.
ފާޑުކީ ގިނަމީހުން އެކަން ގުޅުވީ، މިސަރުކާރު ވެރިކަމަށް އަންނަން ކުރި ކެމްޕޭނާއި އޭގެ ފަހުން ވެސް އިންޑިއާއާ ބެހޭ ގޮތުން ދެއްކި ވާހަކަތަކާ އެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ކެމްޕެއިނުގައި ދެއްކެވި އެއް ވާހަކަފުޅަކީ އަވަށްޓެރި އިންޑިއާގެ ނުފޫޒު ރާއްޖެއަށް އޮތް ވާހަކަ އެވެ. އެކަން ހުއްޓުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
އަސާސީ ބައެއް ބާވަތްތައް އެކްސްޕޯޓް ކުރުން އިންޑިއާގައި މަނާކުރާ ހާލަތްތަކުގައި ވެސް އެ ބާވަތްތައް ރާއްޖެއަށް އެކްސްޕޯޓްކުރަން ދެގައުމުގެ ގުޅުމުގެ ތެރެއިން ދީފައި އޮންނަ ހާއްސަ ހުއްދައިގެ ދަށުން ރާއްޖެއަށް ދީފައި އޮންނަ ކޯޓާ އިތުރުކުރަން އިންޑިއާއިން ނިންނީ އިއްޔެ އެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާރިޖީ ވަޒީރު ލިޔުއްވާފައިވަނީ މި ނިންމުމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރުގެ އިތުރު އެ ގައުމުގެ ސަރުކާރަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މިއީ ދެ ގައުމުގެ ޒަމާންވީ ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ނިންމުމެއް ކަމަށްވެސް އޭނާ ލިޔުއްވާފައިވެ އެވެ.
ނަމަވެސް ޒަމީރުގެ މި ޕޯސްޓަށް ދިވެހިން އަދި އިންޑިއާ މީހުންގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފަ އެވެ.

އެގޮތުން މި ސަރުކާރުން އިންޑިއާއާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތަކާއި، އިދިކޮޅުގައި އޮތްއިރު ހިންގި އިންޑިއާ އައުޓު ހަރަކާތާ ގުޅުވާ އާއްމުންގެ ގިނަ ބަޔަކު ޒަމީރަށާއި ސަރުކާރަށް ފާޑުކިޔާއިރު، އިންޑިއާ މީހުން ފާޑުކިޔާ މައިގަނޑު އަނެއް ސަބަބަކީ އެ ގައުމުގެ ބޮޑުވަޒީރަށް މި ސަރުކާރުގެ ނައިބު ވަޒީރުންތަކެއް ކުރި މަލާމާތެވެ.
އެކަކު ލިޔެފައިވާ ގޮތުގައި މި ސަރުކާރުގެ އިންޑިއާއާ ދެކޮޅު ސިޔާސަތު ވަނީ ފެއިލްވެފަ އެވެ. "މިއޮތީ ސީދާ އުނބަށް ޖަހާފަ،" އެހެން މީހަކު ލިއުނެވެ. "އިންޑިއާ އައުޓު ނުވި ދޯ" އޭ ވެސް އެހެން މީހަކު ލިއުނެވެ.
"ތުރުކީގެ ކާޑު ކޮބައިތޯ އަދި އެ ގައުމުން ގެންނަ ޝިޕްމަންޓު ކޮބައިތޯ" ވެސް ގިނަބަޔަކު ސުވާލުކުރި އެވެ. އެމީހުންގެ އެ ސުވާލު ގުޅުވީ" ވަކި ގައުމަކަށް ބަރޯސާވުން ކުޑަ ކުރާނެ" ކަމަށް ވިދާޅުވެ، އިންޑިއާއަށް އަމާޒުކުރައްވައި ދެއްކެވި ވާހަކަފުޅާ އެވެ. އެ ސިޔާސަތުގެ ދަށުން ، ފެބްރުއަރީ މަސް ނިމުމުގެ ކުރިން ތުރުކީން ކާޑުގެ ޝިޕްމަންޓެއް ގެންނާނެ ކަމަށް ވެސް ރައީސް އޭރު ވިދާޅުވި އެވެ.
"ހަނޑޫ، ހަކުރު، ފުށާއި، އެކިއެކި ބާވަތްތައް، ތުރުކީން މިހާރު މުޅި ރާއްޖެއަށް އެއް އަހަރަށް ބޭނުންވާވަރުގެ އިތުރަށް، 10 ޕަސެންޓް ލާފައި މިހާރު ވާނީ އެއްބަސްވުން ހެދިފައި، މިހާރު ފުށުގެ ފުރަތަމަ ޝިޕްމަންޓަށް ވަނީ އޯޑަރު ދެވިފައި. ފެބުރުވަރީ މަހު އަންނާނެ،" ޖެނުއަރީ 13، ގައި ރައީސް މިހެން ވިދާޅުވި ނަމަވެސް ތުރުކީގެ ކާޑު ޝިޕްމަންޓު އަދިވެސް ރާއްޖެ ނާދެ އެވެ.
ދެން އެންމެ ފާހަގަ ކުރެވުނީ އިންޑިއާއަކީ "ބުލީ" އެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަށްފަހު އެ ގައުމުން އަސާސީ ތަކެތި ހޯދާތީ ކިޔާފައިވާ ފާޑުކިޔުމެވެ.
ރައީސް މިހެންވެސް ވިދާޅުވީ ޗައިނާއިން ވަޑައިގެން ދެއްކެވި ވާހަކަ ނިންމަވާލައްވަމުންނެވެ. ރާއްޖެ ކުޑަވުމަކީ ބުލީ ކުރުމަށް ދެވޭ ލައިސެންސެއް ނޫން ކަމަށް ވިދާޅުވީ، ދިވެހި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރަށް މަލާމާތްކުރި މައްސަލާގައި އެ ގައުމުން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓު ކުރަން ކެމްޕޭނެއް ފެށުމާ ގުޅިގެންނެވެ.
އެގޮތުން، ބުލީ ކުރާ ގައުމަކުން އަސާސީ ތަކެތި ނުދޭނެ ކަމަށް ބުނެ އެތައް ބަޔަކު ލިޔެފައިވެ އެވެ. ނަމަވެސް އާއްމުންނާ ހިލާފަށް، މީގެ ކުރިން މިފަދައިން ވާހަކަދެއްކެވި އިންޑިއާގެ ޖައިޝަންކަރު ޒަމީރުގެ ޕޯސްޓު ހިއްސާ ކުރައްވާ ވިދާޅުވެފައިވަނީ އެ ގައުމުގެ ސިޔާސަތަކީ އަވަށްޓެރި ގައުމުތަކަށް އިސްކަން ދިނުން ކަމަށެވެ.












