އަސާސީ ބައެއް ބާވަތްތައް އެކްސްޕޯޓް ކުރުން އިންޑިއާގައި މަނާކުރާ ހާލަތްތަކުގައި ވެސް އެ ބާވަތްތައް ރާއްޖެއަށް އެކްސްޕޯޓްކުރަން ދެ ގައުމުގެ ގުޅުމުގެ ތެރެއިން ދީފައި އޮންނަ ހާއްސަ ހުއްދަ، އިންޑިއާއިން އިތުރުކޮށްފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އަސާސީ ބާވަތްތައް ވަކި މިންވަރަކަށް ރާއްޖެއަށް އެކްސްޕޯޓްކުރަން ދޭ ހުއްދަ މި އަހަރާއި އަންނަ އަހަރަށް އާކޮށްފައިވާ ކަމަށެވެ. އެ ހުއްދަ އާކުރި އިރު ރާއްޖެއަށް އެތެރެކުރެވޭނެ އަދަދުތައް ވެސް އިތުރުކޮށްފައިވާ ކަމަށާއި މިފަހަރުގެ އަދަދު ތަކަކީ 1981 ވަނަ އަހަރު އެ ހުއްދަ ދޭން ފެށިފަހުން ހުއްދަ ދިން އެންމެ މަތީ މިންވަރު ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
އިންޑިއާގެ ބަޔާނުގައި ފާހަަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރިއެރުމަށް މުހިއްމު ބާވަތެއް ކަމަށްވާ ހިލަޔާ ހިލަވެލި އެތެރެކުރަން ދިން ކޯޓާ މިފަހަރު ވަނީ 25 ޕަސެންޓުން އިތުރުކޮށްފަ އެވެ. އެއިން ކޮންމެ ބާވަތަކުން، މި ދެ އަހަރު ވެސް އެގައުމުން ރާއްޖެއަށް އެއް މިލިޔަން މެޓްރިކް ޓަނު އެތެރެކުރަން ހުއްދަ ދިނެވެ.
ފިޔާ، އަލުވި، ބިސް، ހަނޑޫ ހަކުރު ފުށް އަދި މުގު އެތެރެކުރުމުގެ ހުއްދަ ދިން މިންވަރު ވަނީ ފަސް ޕަސެންޓުން އިތުރުކޮށްފަ އެވެ.
އިންޑިއާގެ ބަޔާނުގައި ފާހަގަކުރި ތިންވަނަ ނުކުތާ އަކީ ފިޔަލާއި ހަނޑޫ އަދި ހަކުރު އެކްސްޕޯޓްކުރުން އެގައުމުގައި މިދިޔަ އަހަރު މަނާކުރި އިރު ވެސް ރާއްޖެއަށް އެކްސްޕޯޓްކުރަމުން ގެންދިޔަ ކަމެވެ.

އިންޑިއާގެ ހުއްދައިގައި ހިމެނޭ ބާވަތްތަކާއި މިންވަރު
- ބިސް: 428 މިލިއަން
- އަލުވި: 21،000 މެޓްރިކް ޓަނު
- ފިޔާ: 36،000 މެޓްރިކް ޓަނު
- ހަނޑޫ: 124،000 މެޓްރިކް ޓަނު
- ފުށް: 109،000 މެޓްރިކް ޓަނު
- ހަކުރު: 64،000 މެޓްރިކް ޓަނު
- މުގު: 224 މެޓްރިކް ޓަނު
- ހިލަ: އެއް މިލިއަން މެޓްރިކް ޓަނު
- ހިލަވެލި: އެއް މިލިއަން މެޓްރިކް ޓަނު
ކާޑުގެ ބާވަތްތަކާއި ހިލަ އާއި ހިލަވެލީގެ ކޯޓާ، ވޭތުވެދިޔަ އެހެން ސަރުކާރުތަކުގައި ހޯދި މިންވަރަށް ވުރެ އިތުރަށް ރައީސް މުއިއްޒު ސަރުކާރުން ހޯދިއިރު، ކާޑު ގެނައުމަށް ވަކި ގައުމަކަށް ބަރޯސާ ވުމުގެ ބަދަލުގައި ތުރުކީއާ އެކުވެސް އެއްބަސްވުމެއް ހަދާފައިވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ޖެނުއަރީ މަހު ވިދާޅުވި އެވެ.
ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކާޑުގެ ބާވަތްތަކާއި ކެއިން ބުއިމަށް އާންމުކޮށް ބޭނުން ކުރާ އެހެނިހެން ބާވަތްތައް ރާއްޖެ ގެނައުމަށް އެކި ގައުމުތަކާއެކު އެއްބަސްވުން ހަދާފައިވާ ކަމަށެވެ.
"ހަނޑޫ، ހަކުރު ފުށާއި އެކި ބާވަތްތައް ތުރުކީއިން މިހާރު އެއް އަހަރާއި އިތުރު 10 އިންސައްތައަށް ވާ ވަރަށް ލިބުމަށް އެއްބަސްވުން ވަނީ ހެދިފައި، ތުރުކީއިން އަހަރަކާއި އިތުރު 10 އިންސައްތައަށްވާ ވަރަށް ކާޑުގެ ބާވަތްތައް ގެނައުމަށް އެއްބަސްވުމުގައި މިހާރު ވާނީ ސޮއި ކޮށްފައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ތުރުކީން ގެންނަ ފުށުގެ ފުރަތަމަ ޝިޕްމަންޓް ފެބްރުއަރީ މަހު ރާއްޖެއަށް އަންނާނެ އެވެ. ނަމަވެސް އެ ޝިޕްމަނެޓު ގެނައިކަން އެސްޓީއޯއިން އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ފުށުގެ ޝިޕްމަންޓްގެ އިިތުރުން ހަނޑޫ، ހަކުރުގެ އިތުރުން ފިޔާ، ބިސް އަދި އަލުވީގެ ޝިޕްމަންޓްތައް ގެނައުމަށް ވެސް އެކި ގައުމުތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށާއި އެ ޝިޕްމަންޓްތައް ވެސް އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.













