ދައުލަތުގެ މުވައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ދީގެން ވޯޓަށް ނުފޫޒުފޯރުވުމަކީ އިންތިހާބަށް އެންމެ ބޮޑަށް ނުފޫޒުފޯރުވޭނެ ގޮތް ކަމަށް 50 އިންސައްތަ މީހުން ގަބޫލުކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްއެމް) އިން ކުރި ސާވޭ އަކުން ދައްކައިފި އެވެ.
"ރައްޔިތުންގެ މަޖިލިސް އިންތިހާބު، އާންމުން ދެކޭ ގޮތުގެ ސާވޭ"، މި ނަމުގައި އެޗްއާރްސީއެމް އިން ކުރި ސާވޭގެ ނަތީޖާ ރިޕޯޓުގައިވާ ގޮތުން، ވޯޓަށް ނުފޫޒުފޯރުވާ ގޮތްތަކުގެ ތެރޭގައި އެ ވަގުތަކު އޮންނަ ސަރުކާރަކުން، ދައުލަތުގެ މުވައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ދިނުން ހިމެނެ އެވެ. އިންތިހާބު ކައިރިވެފައިވަނިކޮށް ސަރުކާރުގެ މަޝްރޫއުތަށް އިއުލާނުކުރުން އަދި ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ދައުލަތުގެ މުދަލާއި ތަކެތި ބޭނުން ކުރުމަކީ ވެސް ވޯޓަށް ނުފޫޒުފޯރުވަން ކުރާ ކަންތައްތައް ކަމަށް އެ ސާވޭއިން ދެއްކި އެވެ.
ފައިސާ އާއި މުދާ ބަހައިގެން ވެސް ވޯޓަށް ނުފޫޒުފޯރުވަން މަސައްކަތް ކުރާކަމަށް ގަބޫލުކުރާ ކަމަށް ސާވޭގެ ބައިވެރިން ވަނީ ބުނެފައި ވެ އެވެ.
ސާވޭއިން ފާހަކުރެވޭ ބައެއް ކަންތައްތައް
ދައުލަތުގެ މުވައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ދީގެން ވޯޓަށް ނުފޫޒުފޯރުވުމަކީ އިންތިހާބަށް އެންމެ ބޮޑަށް ނުފޫޒުފޯރުވޭނެ ގޮތް ކަމުގައި 50 ޕަސެންޓް މީހުން ގަބޫލުކުރޭ.
- އިންތިހާބު ކައިރިވެފައިވަނިކޮށް ސަރުކާރުގެ މަޝްރޫއުތަށް އިއުލާނުކުރުމަކީ އިންތިހާބަށް އެންމެ ބޮޑަށް ނުފޫޒުފޯރުވޭނެ ގޮތް ކަމުގައި 27 ޕަސެންޓް މީހުން ގަބޫލުކުރޭ.
- ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ދައުލަތުގެ މުދަލާއި ތަކެތި ބޭނުންކުރުމުން ވޯޓަށް ނުފޫޒުފޯރުވޭ ކަމަށް 14 ޕަސެންޓް މީހުން ގަބޫލުކުރޭ.
- ފައިސާ އަދި މުދާ ފަދަ ތަކެތި ބެހިކަން އަމިއްލައަށް ނުވަތަ ދަންނަ މީހެއްގެ ފަރާތުން އެނގިފައިވާކަމަށް 59 ޕަސެންޓް މީހުން ބުނެފައިވޭ.
ފައިސާ އަދި މުދަލުގެ އިތުރުން ވޯޓު ހޯދުމުގެ ބޭނުމުގައި އާންމުކޮސް ހުށަހަޅާ ތަކެތި ވެސް އެޗްއާރްސީއެމްގެ ސާވޭއިން ވަނީ ފާހަގަކުރެވިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބޭސްފަރުވާ، އާސަންދަ އަދި އެންސްޕާ ފަދަ ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތައް ވެސް ހިމެނެ އެވެ.

އިންތިހާބާއި ދިމާކޮށް މަސްތުވާތަކެތި ވިއްކުމާއި ޒުވާނުންގެ އައިޑީ ކާޑު ގަތުން ފަދަ ކަންކަން ހިނގާކަމަށް ވެސް އެ ސާވޭގައި ޖަވާބުދިން މީހުން ބުނެފައި ވެ އެވެ.
މާލެ ސަހަރައްދު ހިމެނޭހެން "ރައްޔިތުންގެ މަޖިލިސް އިންތިހާބު، އާންމުން ދެކޭ ގޮތުގެ ސާވޭ" ކުރިއަށްދިޔައީ މާޗު އެއްވަނަ ދުވަހުން ފެށިގެން ނުވަވަނަ ދުވަހުގެ ނިޔަލަށެވެ. މި ސާވޭގައި ޖުމުލަ 1،174 މީހުން ބައިވެރިވި އިރު، އޭގެ ތެރޭގައި ހިމެނެނީ 642 އަންހެނުންނާއި 532 ފިރިހެނުންނެވެ.












