އަންނަ މަހު 21، ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލާ މަރުކަޒަތަކުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާނެ މީހުން ހޯދަން އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާނުކޮށްފި އެވެ.
އިލެކްޝަނުން މިއަދު ކުރި އިއުލާނުގައި ބުނީ ވޯޓުލާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ މީހުން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ އެކަމަށް ހާއްސަކޮށް ހަދާފައިވާ އީސީގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ބުދަ ދުވަހުގެ މެންދުރު 1:00 އެވެ.
އީސީން ބުނީ އެޕްލިކޭޝަން ހުށަހަޅަން ޖެހޭ ޕޯޓަލްއަށް ވަދެވޭނީ ވެރިފައިޑް އީ ފާސް އެކައުންޓެއް މެދުވެރިކޮށް ކަމަށާއި ޕޯޓަލްއަށް ލޮގިންވުމަށް ފަހު އީފާސްގެ މައުލޫމާތު ޕޯޓަލްއަށް ދިނުމަށް ހުއްދަ ދޭން ޖެހޭނެ ކަމަށެވެ.
އޭގެއިތުރުން އެ ޕޯޓަލްއަށް އަޕްލޯޑު ކުރެވޭނީ ހަމައެކަނި ޕީޑީއެފް ފައިލް ކަމަށް ވެސް އީސީގެ އިއުލާނުގައި ބުނެފައިވެ އެވެ. ޕޯޓަލްއަށް އެޕްލިކޭޝަން ފޯމު އަޕްލޯޑުވުމުން ފޯމުގެ ސްޓޭޓަސް ޕޯޓަލުން ފެންނާނެ ކަމަށް އީސީން ބުނެ އެވެ.
އެޕްލިކޭޝަންއާ އެކު ހުށަހަޅަންޖެހޭ ތަކެއްޗާއި ފުރިހަމަ ކުރަންޖެހޭ ތަމްރީނު ޕްރޮގުރާމުގެ މައުލޫމާތު އީސީގެ އިއުލާނުގައި ދީފައިވެ އެވެ.

އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވެވޭނެ މީހުންގެ ޝަރުތުތައް ގޮތުގައި އީސީން ކަނޑައަޅާފައި ވަނީ:
- އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހަކަށްވުން
- އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާ ކުރަމުންދާ މީހެއް ކަމުގައި ނުވުން
- އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭނު ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން
- އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހަޅާ މީހަކީ އެ ދާއިރާއަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަނތްބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ މީހެއް، އެއްބަނޑު ނުވަތަ އެއްބަފާ މީހެއް ކަމުގައި ނުވުން
- އޮފިޝަލެއްގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ތައުލީމާއި ތަޖުރިބާ ހުރުން
- އޮފިޝަލެއް ގޮތުގައި މަސައްކަތް ކުރުމަށް ސިއްހަތު ތަންދޭ މީހެއް ކަމުގައިވުން
- ޖިނާއީ ކުށެެއްގެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން
- ސްކޫލް ދަރިވަރަކަށް ނުވުން
ވޯޓުލާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ޓްރެއިނިން ފުރިހަމަކޮށް ވޯޓުލާ ދުވަހު ވޯޓުލާ މަރުކަޒެއްގެ ވެރިއެއްގެ ގޮތުގައި ހަމަޖައްސައިފި ނަމަ އެ މީހަކަށް އެދުވަހު 2650ރ. ގެ އުޖޫރައެއް ލިބޭނެ އެވެ.
ވޯޯޓުލާ މަރުކަޒުގެ އެހީތެރިއަކަށް ހަމަޖައްސައިފި ނަމަ 2350ރ. އަދި ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފި ނަމަ 2250ރ. އުޖޫރައެއްގެ ގޮތުގައި ލިބޭނެ ކަމަށް އިލެކްޝަނުގެ އިއުލާނުގައި ބުނެފައިވެ އެވެ.
ރިޒާވް އޮފިޝަލަކަށް އިލެކްޝަނުން އުޖޫރައެއްގެ ގޮތުގައި ދޭން ކަނޑައަޅާފައި ވަނީ 1000ރ. އެވެ.













