މެދު ރާސްތާގެ މާލީ ސިޔާސަތާ ފާސްކުރި ބަޖެޓާ ދިމާ ނުވޭ، ތަންފީޒުވުން ނާދިރު: އޮޑިޓު

މެދު ރާސްތާގެ މާލީ ސިޔާސަތާ ފާސްކުރި ބަޖެޓާ ދިމާ ނުވޭ، ތަންފީޒުވުން ނާދިރު: އޮޑިޓު

ކުރީ ސަރުކާރުން އެކުލަވާލާފައިވާ މެދު ރާސްތާގެ ފިސްކަލް ސްޓްރެޓަޖީ (2024-2026) ގައި ހުށަހަޅާފައިވާ ސިޔާސަތުތަައް ތަންފީޒުކުރާނެ ޕްލޭނެއް ނެތް ކަމަަށް ބުނެ އޭގައި ހިމަނާފައިވާ ކަންކަން ތަންފީޒުކުރެވިދާނެ ކަަމާމެދު އޮޑިޓާ ޖެނެރަލް އޮފީހުން ސުވާލު އުފައްދައިފި އެވެ.

މެދު ރާސްތާގެ ފިސްކަލް ސްޓްރެޓަޖީއަކީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން ފިނޭންސް މިނިސްޓަރު ތައްޔާރުކުރަން ޖެހޭ ރިޕޯޓެކެވެ. މި ސްޓްރެޓަޖީގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ މާލިއްޔަތަށް ހުރި ހިރާސްތަކާއި މެދު ރާސްތާގައި ހަރަދާއި ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ބެހެއްޓުމަށް ކަނޑައަޅާ ކަންކަމާއި އެ ކަންކަން ކުރަން ކަނޑައަޅާ ގޮތެވެ.

މި ގާނޫނުގެ ދަށުން ފިނޭންސް މިނިސްޓަރު ތައްޔާރުކުރާ ރިޕޯޓުތަކާއި ބަޔާންތަކަކީ އޮޑިޓާ ޖެނެރަލް އޮޑިޓުކުރަން ޖެހޭ ލިޔުންތަކެކެވެ. މިފަހަރު އޮޑިޓުކުރީ ހުސްވި އަހަރުގެ ޖުލައި 31 ގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހުށަހެޅުއްވި ސްޓްރެޓަޖީ އެވެ.

މި އޮޑިޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތުގައި އެންމެ ފަހުގެ މެދު ރާސްތާގެ ފިސްކަލް ސްޓްރެޓަޖީގައި ދައުލަތުގެ އާމްދަނީ އިތުރުކޮށް، ހަރަދުކުޑަކުރަން އެކި ފިޔަވަޅުތައް ހުށަހަަޅާފައި ހުރި ނަމަވެސް މިއިން އެއްވެސް ކަމެއް ތަންފީޒުކުރާނެ ވަށާޖެހޭ ޕްލޭނެއް ނުވަތަ މޮނިޓާ ކުރާނެ ގޮތްތަކެއް ނެތް ކަމަށެވެ.

"ހުށަހަޅާފައިވާ ސިޔާސަތުތައް ދިރާސާކުރިއިރުގައި، ކާމިޔާބުކަމާއެކީ މިކަންކަން ތަންފީޒުކުރަން ވަށާޖެހޭ ޕްލޭނެއް ނޫނީ އެކަށީގެންވާ މޮނިޓަރިން ނިޒާމެއް ނެތްކަން ސާފު،" އިނގިރޭސި ބަހުން ނެރުނު އޮޑިޓުގައި ބަޔާންކޮށްފައިވެ އެވެ.

އޮޑިޓުގައި އިތުރަށް ބަޔާންކުރި ގޮތުގައި މީގެ ތެރެއިން ގިނަ ކަންކަން މިހާރު ހުރީ އިނީޝިއަލް ޕްލޭނިން އާއި ރިސޯސް އެލޮކޭޝަން ނުވަތަ ފުރަތަމަ މަރުހަލާގަ އެވެ. އަދި މިއިން ގިނަ ކަންކަމުގައި ހާސިލުކުރަން ޖެހޭ މުހިންމު ކަންކަން ނުވަތަ ޑެލިވަރަބަލްސް ހުރީ ވެސް ޕްލޭނިން މަރުހަލާގައި ކަމަށް އޮޑިޓުގައިވެ އެވެ.

އޭގެ އިތުރުން މި އަހަރަށް ހުށަހަޅާފައިވާ ބަޖެޓާއި މެދު ރާސްތާގެ ފިސްކަލް ސްޓްރެޓަޖީއާ ދިމާނުވާ ކަމަށް ވެސް އޮޑިޓަރުން ފާހަގަކުރި އެވެ. ހާއްސަކޮށް މި އަހަރަށް އާމްދަނީ އިތުރުކުރަން ފިސްކަލް ސްޓްރެޓަޖީގައި ހުށަހަޅާފައިވާ ކަންކަން ނުވަތަ "ނިއު ރެވެނިއު މެޝާސް" ބަޖެޓުގައި ހިމަނާފައި ނެތް ކަމަށް ވެސް އޮޑިޓުގައި ބަޔާންކޮށްފައިވެ އެވެ.

އާމްދަނީ އިތުރުކުރަން ހުށަހެޅި ކަންކަން ބަޖެޓުން އުނިކުރުމުން، އޮޑިޓަރުން ބުނީ، ސަރުކާރުން ފިސްކަލް ސްޓްރެޓަޖީ ތަންފީޒުކުރުމުގެ ނިޔަތް އެބައޮތްތޯ ސުވާލުއުފެދޭ ކަމަށެވެ. މިކަމަށް އިތުރަށް ބާރު ދެނީ ކުރީ އަހަރުތަކުގައި ވެސް މިހާރުގެ ފިސްކަލް ސްޓްރެޓަޖީގައި ހިމަނާފައިވާ ކަންކަން ހުރި ނަމަވެސް، ސަރުކާރުން ބޭނުން ނުވެގެން ނުވަތަ ސިޔާސަތަށް އަންނަ ބަދަލެއްގެ ސަބަބުން މިކަންކަން ތަންފީޒުކޮށްފައި ނުވާތީ ކަމަށް އޮޑިޓުގައި ބަޔާންކޮށްފައިވެ އެވެ.

މިކަންކަމަށް ރިއާޔަތްކޮށް އޮޑިޓު އޮފީހުން ނިންމީ ބަޖެޓުގައިވާ ގޮތަށް މި އަހަރުގެ ތެރޭގައި އަދި ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ވެސް އާމްދަނީ އިތުރުވުމުގެ ފުރުސަތު ވަރަށް ހަނި ކަމަށެވެ. ފިސްކަލް ސްޓްރެޓަޖީގައި އަންދާޒާކޮށްފައިވަނީ އާމްދަނީ އިތުކުރަން ހުށަހަޅާ ކަންކަމުގެ ތެރެއިން މި އަހަރު 1.3 ބިލިއަން ރުފިޔާ އަދި ތިން އަހަރުގެ ތެރޭގައި 4.7 ބިލިއަން އާމްދަނީ އިތުރުވާނެ ކަމަށެވެ.

ހަމައެހެންމެ ހަރަދުކުޑަކުރަން އަޅާ ފިޔަވަޅުތައް އެޅުމުގައި ވެސް އިތުރު ގޮންޖެހުންތަކާ ދިމާވެ މިހާރު ހުށަހަޅާފައިވާ މުއްދަތުގެ ތެރޭގައި އެކަން ކުރަން ދަތިވާނެ ކަމަށް އޮޑިޓުގައިވެ އެވެ. ފިސްކަލް ސްޓްރެޓަޖީގައި އަންދާޒާކުރީ މި އަހަރު 2.7 ބިލިއަން ރުފިޔާ އަދި ތިން އަހަރުގެ ތެރޭގައި 12 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ.

އޮޑިޓަރުން ނިންމީ މި އަހަރުގެ ތެރޭގައި މިއިން ކަމެއް ހާސިލުވުން ނާދިރު ތަނުގައި، ކުރިއަށް އޮތް ދެ އަހަރަށް ހާސިލުކުރަން އަމާޒުހިފާފައިވާ އަމާޒުތަކަށް ވާސިލުވެވޭނީ މި އަހަރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކޮށްގެން ކަމުގައި ވާތީ، މި އަހަރު އަޅާ ފިޔަވަޅުތައް ނޭޅިއްޖެ ހާލަތެއްގައި މެދު ރާސްތާގެ ފިސްކަލް ސްޓްރެޓަޖީގައި ބަޔާންކުރާ ގިނަ ކަންކަން ހާސިލުނުކުރެވޭނެ ކަމަށެވެ.

މެދު ރާސްތާގެ ފިސްކަލް ސްޓްރެޓަޖީގައި އާމްދަނީ އިތުރުކުރަން ހުށަހަޅާފައި ވަނީ ކާބަން ކްރެޑިޓް ވިއްކުމާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ލިބޭ ޑިވިޑެންޑު އިތުރުކުރުމެވެ. ހަރަދު ކުޑަކުރަން ހުށަހަޅާފައިވަނީ ސަބްސިޑީ ނިޒާމު ބަދަލުކުރުމާއި އާސަންދައިގެ ހަރަދުތައް ކުޑަކުރުމާއި ވެލްފެއާ ނިޒާމު މިހާރަށް ވުރެ ހަރުދަނާ ކުރުމުގެ އިތުރުން އަހަރުތަކަށް ބަހާލައިގެން ޕޭ ހާމަނައިޒޭޝަން މަސައްކަތް ކުރުމެވެ.

އޭގެ އިތުރުން ފިސްކަލް އެންކަރުތަކުގެ ގޮތުގައި އެ ސްޓްރެޓެޖީގައި ހުށަހަޅާފައިވަނީ 2026 ގެ ކުރިން ގައުމީ އުފެއްދުންތެރިކަމުގެ 95 ޕަސެންޓަށް ދަރަނި ކުޑަކުރުމާއި އުފެއްދުންތެރިކަމާ އަޅާކިޔާއިރު އަހަރުންއަހަރަށް ދަރަނި މަދުކުރުމާއި ރިކަރަންޓް ހަރަދުތައް ދައުލަތަށް ލިބޭ އާމްދަނީން ފޫބެއްދުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox