މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމްކުރަން ސަރުކާރުން ކުރަމުން އަންނަ މަސަައްކަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ރާވާ އިމާރާތް ( ޕްރީ ފެބްރިކޭޓެޑް އިމާރާތްތަކެއް) ފަރުމާކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެގޮތަށް އިމާރާތްކުރާ ނަމަ މަސަައްކަތް އަވަސްވެފައި ހަރަދު ވެސް ކުޑަވާނެ ކަމަށެވެ.
ފުލުުހުންގެ މަރުކަޒުތައް މިހާރު ނެތް 46 ރަށެއް އޮތްކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ ރަށްތަކުގައި 2027 ގެ ކުރިން އެ ރަށްތަކުގައި ފުލުހުންގެ މަރުކަޒުތައް ގާއިމްކޮށް ނިންމަން ތާވަލެއް ހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަަޅުގަނޑުމެން މުޅި ރާއްޖެއަށް ބަލާ އިރުގައި، ޕޮލިސް ސްޓޭޝަންތައް ވަކި ތަންތަނުގައި ހާއްސަކޮށް ކޮންސްޓްރަކްޝަން ހަދައިގެން، ކޮންކްރީޓް ސްޓްރަކްޗާއަކަށް ދިއުމަކީ އަގުބޮޑުކަމަކަށް ވާތީ އަޅުގަނޑުމެން ޕްރިފެބްރިކޭޓެޑް ޑިޒައިންތަކެއް މިހާރު ޑިޒައިންކުރުމުގެ މަސައްކަތް ދަނީ ކުރިއަށް،" އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު މިއަދު ވިދާޅުވި ގޮތުގައި ފުލުހުންގެ އިމާރާތްތައް އަލަށް ގާއިމްކުރުމުގައި ސަރުކާރުން އިސްކަންދޭނީ މިހާރު ފުލުހުންގެ ހިދުމަތް ނުފެށި ހުރި ރަށްތަކުގައި ހިދުމަތް ފެށުމަށެވެ. ކައުންސިލްތަކުގެ އިމާރާތްތަކާއި އާއްމުންގެ ގެތައް ކުއްޔަށް ހިފައިގެން ގާއިމްކޮށްފައިވާ ފުލުހުންގެ މަރުކަޒުތަކަށް އާ އިމާރާތް އެޅުމުގެ މަސައްކަތް ކުރާނީ އޭގެ ފަހުންނެވެ.














