ޕޮލިސް ފްލެޓުތަކުގައި މީހުން ދިރިއުޅެން ފަށައިފި

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އިހުސާން އަދި ފުލުހުންގެ އިސްވެރިން : ޕޮލިސް ފްލެޓުތަކުގައި މީހުން ދިރިއުޅެން ފަށައިފި - ފޮޓޯ: ފުލުހުން

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އިހުސާން އަދި ފުލުހުންގެ އިސްވެރިން : ޕޮލިސް ފްލެޓުތަކުގައި މީހުން ދިރިއުޅެން ފަށައިފި - ފޮޓޯ: ފުލުހުން

އަމަލީ މަސައްކަތް ފެށިތާ 11 އަހަރު ފަހުން، ފުލުހުންނަށް ހާއްސަކޮށް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރި ފުލެޓުތަކުގައި މީހުން ދިރިއުޅެން ފަށައިފި އެވެ.

މީގެ 11 އަހަރު ކުރިން 2013 ގައި އަޅަން ހަވާލުކުރި ފުލުހުންގެ ފުލެޓުތައް ނިންމާ އެ ތަނުގައި މީހުން ދިރިއުޅެން ފެށިކަން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ.

ނަމަވެސް ޓަވަރުތަކުގައި ލިފްޓު ހަރުކޮށް އަދި ނުނިމޭތީ މިހާރު މީހުން އުޅެނީ ފުރަތަމަ ފަސް ފަންގިފިލާގައި ކަމަށް ޝިފާން ވިދާޅުވި އެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ އަންނަ މަހުގެ 20 ގެ ކުރިން ކޮންމެ ޓަވަރެއްގައި އެއް ލިފްޓް ބޭނުންކުރެވޭވަރު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންނާއި ސިފައިންގެ ފުލެޓުތަކުގެ މަސައްކަތް ދިވެހި ސަރުކާރުން ފުރަތަމަ ހަވާލުކުރީ ނޫމަޑި ކުންފުންޏާ އެވެ. އެ ކުންފުނިން އެ މަޝްރޫއު ހަވާލުކުރީ އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. މި ދެ ކުންފުންޏަކީ ވެސް ތައިލެންޑުގެ ވިޔަފާރިވެރިޔާ އަނޮން ސޮންޕަންޏާގެ ކުންފުނިތަކެކެވެ.

އައިލެންޑް އެކްސްޕާޓުން މި ފްލެޓުތަކުގެ މަސައްކަތް ހުއްޓާލީ ކޮވިޑު ދުވަސްވަރު މާލީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިގެން ކަމަށް އަނޮންއާ ހަވާލާދީ އެ ދުވަސްވަރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. މި ކުންފުނިން މުސާރަ ނުދީގެން އެތަނުގެ މުވައްޒަފުން ފުލުހުންނާ ކުރިމަތިލާ ހިސާބަށް ވެސް މައްސަލަ ގޯސްވި އެވެ.

ކުރީ ސަރުކާރުން ފަހުން ފުލުހުންގެ ފްލެޓުތަކުގެ މަސައްކަތް ހަވާލުކުރީ އަމިން ކޮންސްޓްރަކްޝަނާ އެވެ. އަދި ސިފައިންގެ ފްލެޓުތަކުގެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ޓްވެންޓީތާޑް މެޓަލާޖިކަލް ކޯޕަރޭޝަނާ އެވެ. ޗައިނާ ކުންފުނިން މިދިޔަ އަހަރުގެ ތެރޭގައި ސިފައިންގެ ފްލެޓުތަކުގެ މަސައްކަތް ނިންމާ އެތަނުގައި މީހުން ދިރިއުޅެމުން އަންނަތާ ހަ މަހެއްހާ ދުވަސް ވެއްޖެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox