ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވ.ކެޔޮދޫ ދާއިރާގެ ގޮނޑިއަށް އަމިއްލަ ގޮތުން ވާދަކުރާ އާއިޝަތު އަފުނާނުގެ ނަން ކެންޑިޑޭޓުންގެ ލިސްޓުގައި އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ބުނެފި އެވެ.
އީސީއިން މިހެން ބުނީ އަފްނާންގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީއިން ނިންމީ ރަނގަޅަށް ނޫން ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމޭ ދެކޮޅަށް ކެންޑިޑޭޓުންގެ ލިސްޓުގައި އޭނާ ނެތް ކަމަށް ބުނެ އަފްނާނު އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އަފުނާނު ހިއްސާކުރި ކެންޑިޑޭޓުންގެ ލިސްޓުގައި އޭރު އޭނާގެ ނަމެއް ނެތެވެ.
މިކަމާ ގުޅިގެން "އަދަދު" އަށް މައުލޫމާތު ދެއްވަމުން އީސީގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ، އީސީގެ ރަސްމީ ކެންޑިޑޭޓުންގެ ލިސްޓުގައި އަފުނާނުގެ ނަން އޮންނާނެ ކަމަށާއި އެކަން އޭނާއަށް އަންގާ ރަސްމީ ގްރޫޕުތަކަށް ވެސް ވައްދާފައިވާނެ ކަމަށެވެ.
"އަފުނާނު ކެންޑިޑެސީ ދިނީ ހުރިހާ ކެންޑިޑޭޓުން ގުރުއަތުލާ ހެދި ފަހުން ވީމަ، އަޅުގަނޑުމެންގެ ވެބްސައިޓުން ކެންޑިޑޭޓުންގެ ބައި އަޕްޑޭޓު ކުރިއިރު އަފުނާނު ކެންޑިޑޭޓަކަށް ނުވޭ، އޭގެ ފަހުން އަޅުގަނޑުމެންގެ ވެބްސައިޓު ސިންކު ނުކޮށް އިންދާ އަފުނާނު ޕޯސްޓު ކުރީމަ އައިޑެންޓިފައިވީ"
ހަސަން ވިދާޅުވީ މިހާރު އެ މައްސަލަ ހައްލުކޮށް ވެބްސައިޓުން ވެސް އަފުނާނުގެ ނަން ކެންޑިޑޭޓުންގެ ލިސްޓުން ފެންނާނެ ކަމަށެވެ. އަދި، ސުޕްރީމް ކޯޓުގެ ހުކުމާ ދެކޮޅަށް ކެންޑިޑޭޓެއްގެ ނަން ލިސްޓުން އުނިކުރުމަކީ އީސީއިން ގަބޫލުކުރާ އަދި އަމަލުކުރާނެ ގޮތް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓުން މައްސަލަ ބެލުމަށް ފަހު، ނެރުނު ހުކުމުގައި ވަނީ އަފްނާނުގެ ފޯމުގައި، އޭނާގެ ރަސްމީ އެޖެންޓުގެ ދަރަންޏެއް ނެތް ކަމަށް ބުނާ ފެމިލީ ކޯޓުގެ ތަތްގަނޑާއެކު އެޓޭޗުމަންޓެއް ހިމަނާފައިވާއިރު އޭގައި މައުލޫމާތު މަދުކަން ޔަގީން ކުރަން އިލެކްޝަނުން މަސައްކަތް ކުރި ކަން ބެލެވެން ނެތް ކަމަށެވެ.
އެެ ކޮމިޝަނުން މަސައްކަތް ކުރި ނަމަ، މުއްދަތު ހަމަވުމުގެ ކުރިން މައުލޫމާތު ހަމަ ކުރުމަށް ކެންޑިޑެސީ ހުށަހެޅި ފަރާތަށް އަންގަން ފުރުސަތު ލިބޭނެ ކަމާއި، މައުލޫމާތު ހަމަނުވާ ކަން ޔަގީންކުރުމަށް ފަހު ކެންޑިޑެސީ ބާތިލް ކުރި ކަމަށް ވެސް ނިންމޭނެ ކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.
ކެޔޮދޫ ދާއިރާއަށް ދެން ވާދަކުރަނީ، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ނިއުޝާމް (ނިއުބެ)، ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު އަބްދުއްރައޫފް އިބްރާހީމް، އަދި ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އާދަމް އަބްދުއްލަތީފެވެ.













